އެމްޑީޕީއާއެކު އިތުރު މަޝްވަރާ ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ބައްދަލުވުންތަކަށް ފަހު އެމްއެމްއާރްއެމްއިން ނިންމާ ގޮތް ހާމަ ކުރާނެ ކަމަށް ބުނެފިއެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން އެމްއާރްއެމުން ބުނީ، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް އެމްއާރްއެމުން ހާމަނުކުރި ނަމަވެސް އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަަމަށް އެ ޕާޓީން ބުނެއެވެ.

އަދި އެމްޑީޕީއާއެކު ކުރިއަށް ގެންދާ މަޝްވަރާތަކަށް ފަހު ގޮތެއް ނިންމާނެ ކަމަށާއި އަދި އެ ނިންމުން ހާމަ ކުރާނެ ކަމަށް ވެސް އެމްއާރްއެމުން ބުނެއެވެ.

މި ސަރުކާރާ އެކު ތިބި ސިޔާސީ ޕާޓީތައް ކޯލިޝަންގައި ދެމިތިބޭނެ ކަމާ މެދު ގޮތް ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް އަދި ގޮތެއް ނިންމާފައި ނުވާ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމްއެވެ. ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޯލިޝަންގައި ދެމިތިބޭނެ ކަން ހާމަކޮށްފައި ވަނީ އަދާލަތު ޕާޓީންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ އަމިއްލައަށް ހަދާ ކޯލިޝަނަކާ އެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމަށް އެދިވަޑައިގެން އެމަނިކުފާނު އެމްއާރްއެމަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުން މަޝްވަރާ ބައްދަލުވުންތައް އޮތީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ކުރިއަށް ގެންދިއުމަށް ފަސްކޮށްފައެވެ.

އެމްޑީޕީއާއެކު އެމްއާރްއެމުން މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މީގެކުރިން އެމްއާރްއެމުން ބުނެފައި ވަނީ، މި އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވާތީ ޕާޓީން ކަންކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ޕާޓީގެ ސްޓޭންޑާ އެއްގޮތް ބަޔަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. އެ ޕާޓީގެ ސްޓޭންޑަކީ ރިފޯމަށް މަސައްކަތް ކުރުން ކަމަށާއި އެ އެޖެންޑާއާ އެންމެ ގާތުން މަސައްކަތް ކުރެވޭނެ ބަޔަކާ އެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.