ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާ، އެ ޕާޓީގެ ދަރަންޏެއް ވާނަމަ ނޮވެމްބަރު 10ގެ ކުރިން އެކަން ނިންމުމަށް އަންގައިފިއެވެ.

އީސީ އިން ބުނީ އެމްއާރްއެމް އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުންދާކަމަށާއި، އެހެންކަމުން އެ ޕާޓީ އިން އަދާކުރަން ޖެހޭ ދަރަންޏެއް ވާނަމަ ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ އޮފީހަށް އެކަން ހުށަހަޅާ ނިންމުމަށެވެ.

މީގެ ކުރިން ވެސް 3000 މެންބަރުން ހަމަ ނުވުމާ ގުޅިގެން އީސީއިން އެ ޕާޓީ އުވާލަން ދެ ފަހަރެއްގެ މަތިން ނިންމިއެވެ. ނަމަވެސް އެމްއާރްއެމްގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެ ޕާޓީއިން އޭރު ވަނީ ބުނެފައެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށްކަމަށް ސިވިލް ކޯޓުން ވަނީ އެ ޕާޓީ އިން މިކަމަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ހުކުމް ކޮށްފައެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.