އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމާފައިވަނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3،000 މެމްބަރުން ހަމަނުވެގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެމްއާރްއެމްގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެ ޕާޓީއިން އޭރު ބުންޏެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.

އީސީން މި މައްސަލައާ ގުޅިގެން މީގެ ކުރިން ހާމަ ކުރި މައުލޫމާތައް ބަލާއިރު، ޕާޓީއެއްގައި 3 ހާސް މެންބަރުން ހަމަނުވާ 3 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ.