ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ޔުނިޓްތައް ތަރައްގީ ކުރާނީ މަލްޓީ ސްޓޯރީ ބިލްޑިން އެއްގައި 50 އެޕާޓްމެންޓާއި ލިފްޓް ހިމެނޭ ގޮތަށް ކަމަށާއި އަދި އެންމެ ތިރީ ފަންގިފިލާގައިި ކޮމާޝަލް އޭރިއާ އަކާއި ބިލްޑީން ސާވިސް އޭރިއާއެއްވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ އެޕާޓްމަންޓްގެ ބޮޑުމިނުގައި 1000 އަކަފޫޓު ހުންނައިރު އެޕާޓްމަންޓްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މީގެ އިތުރުން އެސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން އޭރިއާއެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއަކީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެސްޖޭއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއަކީ 95.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.