ރޯދަ މަސް ގާތްވެފައިވާއިރު، އެޗްޑީސީން ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ޔުނިޓުގައި އެސްޓީއޯގެ އާ ފިހާރައެއް މިހާރު ހުޅުވާފައިވާއިރު އެ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް ވަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑިސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރޯދަ މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަށެވެ.

ރޯދަ މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް އެޗްޑީސީން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު އެ ކުންފުންނާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ރޯދަ މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ހިމެނޭ ކަމަށެވެ.

އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި ރޯދަ މަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.