ހުޅުމާލޭގައި ތަރައްގީކުރާ "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.

" ދަ ގާޑަންސް" ޕްރޮޖެކްޓް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފުރަތަމަ ހަވާލުކޮށްފައި ވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށެވެ.

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި "ދަ ގާޑަންސް" ޕްރޮޖެކްޓް ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދިނުމުންވެސް ޕްރޮޖެކްޓް ނިންމާފައި ނުވުމުން ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެޗްޑީސީއިން ބާތިލްކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މި މައްސަލައާ ގުޅިގެން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހުރިހާ ފައިސާތަކެއް ހިފަހައްޓަން ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު އަމުރެއް ނެރެފައިވެއެވެ.

ދަ ގާޑަންސްއަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން ދާ ތަނަކަށްވާއިރު، ފްލެޓްތައް އަދިވެސް ނުނިމޭތީ އެ ތަނުން ފްލެޓްތައް ގަތް މީހުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފްލެޓްތައް ގަތް މީހުން ތަމްސީލުކުރާ ޝުނާނާ އެންޑް ކޯ އިން ވަނީ މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.