ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓުތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ކުލި ނުދައްކާ މައްސަލަ ބޮޑު ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ މިކަމަށް އެޅުނު ފިޔަވަޅެއްގެ ގޮތުން ކުލި ނުދައްކާ ފަރާރްތަކަށް ކޮންމެ 3 މަހަކުން ނޯޓިހެއް ފޮނުވަން ފަށާފައިވާ ކަމަށާއި، މިއީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނަމަ ގަވައިދުން ކުލި ދައްކަން ޖެހޭނެ ކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ ފަރާތްތައްވެސް އުޅޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓްތައް ދޫކުރަނީ ދިގު މުައްދަތަކަށް ބަހާލައިގެން، މަހު ކުލި ދައްކައިގެން އެއްކޮށް ހަލާސްކުރާ ގޮތަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފްލެޓްތަކަށް ގަވައިދުން ކުލި ނުދައްކާ މައްސަލަ އަކީ އަބަދުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
މީގެކުރިންވެސް ކުލި ނުދައްކާ މީހުންނަށް ފައިސާ ދައްކަން އަންގައި، ޖޫރިމަނާ އާ އެކު އެޗްޑީސީން ލިޔުން ފޮނުވާފައިވާއިރު، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގެ ދަށުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. ކުލި ނުދައްކައިގެން އެއްވެސް ފްލެޓެއް އަދި އަތުލާފައެއް ނުވެއެވެ.