މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރްއައިން ޖަނާހު އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު އައްޔަންކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓަރިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެމްއޭސީއެލް ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރްއައިން ޖަނާހު އައްޔަންކޮށްފައިވާ ކަމަށެވެ.
ނޫރައިން ވަނީ މީގެ ކުރިން މި ސަރުކާރުގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. ނަމަވެސް މަގާމުގައި 6 ވަރަކަށް މަސް ދުވަސް ހޭދަ ކުރުމަށްފަހު ނޫރްއައިން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ނޫރްއައިން އަކީ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރިންސިޕަލް އެޑްވައިޒަރި މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. އޭނާ މަތީ ތައުލީމު ހާސިލުކުރައްވާފައިވަނީ ނިއުޒިލޭންޑުގައެވެ. އެގޮތުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުންނެވެ. އަދި އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވަނީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިންނެވެ.
މީގެ އިތުރުން ވެސް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، ޝަހީރު އައްޔަން ކޮށްފައިވާ ކަމަށްވެސް ޕީސީބީން ކުރި އެހެން ޕޯސްޓެއްގައި ބުނެފައި ވެއެވެ. ޝަހީރު މީގެ ކުރިން ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ހަމަ އެހެންމެ 2015 އިން 2018 ވަނަ އަހަރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.