ހުޅުމާލޭގެ ރިވައިސްޑް މާސްޓާ ޕްލޭނަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ބުނީ މާސްޓާ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމަށާއި، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމަށް ކަމަށެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ މި މާސްޓާ ޕްލޭންގެ މައުލޫމާތު އެޗްޑީސީގެ ޕޯޓަލުން ލިބެން ހުންނާނެ ކަމަށެވެ.
އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާސްޓާ ޕްލޭން ލޯންޗުކުރުމާއެކު ހުޅުވާލެވިފައިވާކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ކަމަށެވެ. އެޗްޑީސީ އިން ބުނީ މާސްޓާ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހު ކަމަށެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކަމަށާއި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.
ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓާ ޕްލޭން ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ އާ މާސްޓާ ޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓާ ޕްލޭނެއް ކަމަށެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓާ ޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ކަމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.