މ. މުލީ އެއާޕޯޓު ހިމެނޭހެން އިތުރު 3 އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ ރޭ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިތުރަށް އާޒިމް ވިދާޅުވީ އެއް ދައުރެއްގެ ތެރޭގައި 6 އެއާޕޯޓު ތަރައްގީކޮށް ހުޅުވާދެއްވާނެ ފުރަތަމަ ރައީސްއަކީ ވެސް ސޯލިހު ކަމަށެވެ. އެގޮތުން މިހާރު ހޯރަފުށީ އެއާޕޯޓާއި، މާވަރުލު އެެއާޕޯޓުގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓާ އެކު ޖުމްލަ 3 އެއާޕޯޓުގެ މަސައްކަތް ނިންމާފައިވާ ކަަަމަށެވެ. އަދި ބާކީ 3 އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާ މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެގޮތުން މ. މުލީ އެއާޕޯޓު ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެޕްރީލް މަހުގައި ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ފ. މަގޫދޫ އެއާޕޯޓު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އަދި ރ. އަލިފުށީ އެއާޕޯޓު ރަންވޭގަ ތާރު އެޅުމުގެ މަސައްކަތް އޮގަސްޓް މަހު ފަށާނެ ކަމަށް އާޒިމް އިއުލާން ކުރެއްވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ކޮވިޑް-19 ގެ ފުރަބަންދު ތެރޭގައި ނަމަވެސް ރައީސްގެ ލަފާފުޅާއެކު ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރީ ޖޯޝާއި ފޯރީގަިއި ކަމަށެވެ. އަދި އެއީ އެމްޓީސީސީން މިހާތަނަށް ކުރި ހާއްސަ މަސައްކަތެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވިއެވެ. އަދި މި ދައުރުގައި އެމްޓީސީސީން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި ވާ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުން، މި ދައުރުގައި އެމްޓީސީސީން 140 އަށް ވުރެ ގިން ޕްރޮޖެކްޓް ނިންމާފައިވާ ކަމަށާއި އަދި މިހާރުވެސް އިތުރު 140 އަށްވުރެ ގިނަ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްޓީސީސީ އަށް އިތުބާރު ކޮށް ގިނަ ޕްރޮޖެކްޓް ތަކެއް ސަރުކާރުން ހަވާލު ކޮށްފައި ވާތީ އެކަމަށް އާޒިމް ވަނީ ރައީސަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ރިކޯޑް އަދަދައްވެސް ކެވިފަ.