މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކޮށް، ރަށްތައް ގުޅާލުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކުން ތާރީހީ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ "ހަފްތާ 156" އާ ދިމާކޮށް އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންގެ އަދަދު ވިދިވިދިގެން ތިންވަނަ އަހަރަކު 16 މިލިއަނަށް އަރާނެއެވެ.
އެމްޓީސީސީގެ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު 16.08 މިލިއަން އަދި 2025 ވަނަ އަހަރު 16.25 މިލިއަން ފަސިންޖަރުން އެ ކުންފުނީގެ ހިދުމަތް ހޯދާފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 14.10 މިލިއަން ދަތުރުވެރިން ހިދުމަތް ބޭނުންކޮށްފައިވާއިރު، އަހަރު ނިމުމުގެ ކުރިން މިއަދަދު 16 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް އެމްޓީސީސީ ލަފާކުރެއެވެ. ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖުކޮށް އަހަރަކު 9.1 މިލިއަން، މަހަކު 759،159 އަދި ދުވާލަކު 24،939 ފަސިންޖަރުން އާރްޓީއެލްގެ ހިދުމަތްތައް ބޭނުންކޮށްފައިވެއެވެ.
ކަނޑުމަގުން ރާއްޖެ ގުޅާލުން: 15 އަތޮޅު، 144 ރަށް
ކަނޑު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށްތައް އެއްވިއުގައަކުން ގުޅާލުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ފާއިތުވި ތިން އަހަރު ތެރޭގައި 7 އަތޮޅެއްގެ 79 ރަށެއް ހިމެނޭހެން 20 އާ ރޫޓެއް ވަނީ ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ހއ. އަތޮޅުގެ 12 ރަށް، ތ. އަތޮޅުގެ 13 ރަށް، ބ. އަތޮޅުގެ 13 ރަށް، ރ. އަތޮޅުގެ 16 ރަށް، ނ. އަތޮޅުގެ 13 ރަށް، ދ. އަތޮޅުގެ 7 ރަށް އަދި ފ. އަތޮޅުގެ 5 ރަށް ހިމެނެއެވެ.
މި ކުރިއެރުމާއެކު މިހާރު ޖުމްލަ 15 އަތޮޅެއްގެ 144 ރަށަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ދަނީ ލިބެމުންނެވެ. އަދި މ. އަތޮޅުގެ ސްޕީޑް ފެރީގެ ރޫޓުތަކަށްވެސް ކަސްޓަމަރުންގެ ލަފަޔާ އެއްގޮތަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައެވެ.
އެއްގަމު ދަތުރުފަތުރު: ރަށްރަށުގައި ބަހުގެ ހިދުމަތް އަދި އާ ރޫޓުތައް
އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން އާރްޓީއެލް ބަހުގެ ޚިދުމަތް އަލަށް ނ. ކެނދިކުޅުދޫ އަދި ރ. ދުވާފަރުގައި ވަނީ ފަށާފައެވެ. މިއާއެކު، ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގެ 14 ރަށެއްގައި މިހާރު ބަހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
މީގެއިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން، ތެލަސީމިއާ ކުދިންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް 'އާރް15 އޮރެންޖް ހިޔާ' ބަސް ރޫޓު ވަނީ ތައާރަފްކޮށްފައެވެ. އަދި ވިލިމާލޭގެ 'އާރް14' ބަސް ރޫޓަށްވެސް އާންމުން އެދުނު ފަދަ ލުއިފަސޭހަ ބަދަލުތަކެއް ވަނީ ގެނެސްދީފައެވެ.
ތިމާވެއްޓާ ރައްޓެހި 'މާލެ ޓެކްސީ ލައިން'
ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކާއި، 'ކޮޕް 29' ގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެމްޓީސީސީން ވަނީ ޒަމާނީ ޑިޖިޓަލް ޓެކްސީ ހިދުމަތެއް މާލެ ސަރަހައްދުގައި ފަށާފައެވެ. ޖުމްލަ 150 އިލެކްޓްރިކް ކާރާއެކު ފެށި މި ހިދުމަތުން، އޭޕްރިލް 2026 އިން އޮކްޓޯބަރު 2026 ގެ ނިޔަލަށް އެކަނިވެސް ވަނީ 215،960 ދަތުރު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.
ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އެމްޓީސީސީން ބުނީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ކޮށްފައިވަނީ މުޅި ރާއްޖޭގެ މުޖުތަމައުތައް އެކަތިގަނޑެއްގެ ގޮތުގައި ގުޅާލައި، އާންމު ރައްޔިތުންގެ ދަތުރުފަތުރު ވީހާވެސް ފަސޭހަ، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
