މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ތައުލީމީ ނިޒާމް މުޅިން ބަދަލުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރާނެ ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ނުއިވޭ އަޑުތައް" މި ނަމުގައި އެމްއެންޕީން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކުއްޖާ ސްކޫލަށް ގެންދަންޖެހޭނީ އެއް ފަހަރު ކަމަށާއި ބެލެނިވެރިން ދެން ސްކޫލަށް އެދުވަހު ދާންޖެހޭނީ ކުއްޖާ ބަލާ ކަމަށެވެ.

ނާޒިމް ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ސްކޫލުތަކުގެ ކިޔެވުމާއި އިތުރު ހަރަކާތައް އޮންނާނެ ގޮތް ސިފަކޮށްދެއްވާފައެވެ. އެގޮތުން ދަރިވަރު ހެނދުނު ސްކޫލަށް އައުމަށްފަހު ހަވީރު ގެއަށް ދާއިރު އިތުރު ހަރަކާތްތަކާއި ހުނަރުތަކާ ކުޅިވަރުތައް ވެސް ހިމެނޭހެން އެދުވަހަކު ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭނެ ގޮތަށް ސްކޫލުގެ ވަގުތާއި އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލުތަކުން މިހާރު ފެންނަނީ ކަރިކިއުލަމަށް ކިޔަވައިދޭ ސެޝަން ނިމުމުން ކުދިން ގެއަށް އައިސް، އިތުރު ހަރަކާތްތަކާއި ސްކޫލުގެ އެކިއެކި ކަންކަމަށް ދުވަހުގެ އެކި ގަޑިގަޑީގައި ދަރިވަރުން ސްކޫލަށް ގެންނަ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، މިކަމުގެ ސަބަބުން ބެލެނިވެރިންނަކީ ދުވާލު ހަތަރުދަމު ދަރިވަރުން ސްކޫލަށާއި ޓިއުޝަންފަދަ ތަންތަނަށް ގެންގޮސް ގެންނަ ބަޔަކަށްވެ، އާއިލީ ކަންކަމަށް ވަގުތު ނުލިބޭ ކަމުގެ ޝަކުވާތައް އަންނަ ކަމަށެވެ.

ނާޒިމް ވަނީ ސްކޫލު ނިމުމުން ހަވީރު ވަގުތު އާއިލާތަކުން ކުޑަކުދިން ގޮވައިގެން ކުޅިވަރާއި އެކިއެކި ކަންކަމަށް ގޮސް އުޅެވޭނެ ތީމް ޕާކުތައްވެސް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި އިތުރު ހަރަކާތްތަކާއި، ކުޅިވަރާއި ހުނަރުތައް ހިމެނޭ ހަރަކާތްތައްވެސް އެކަށީގެންވާ ގޮތަށް ހިންގާނެ ކަމަށާއި އަދި ކޮންމެ ކުއްޖަކުވެސް ކޮންމެވެސް އެއް ހަރަކާތެއްގައި ބައިވެރިވާ ގޮތަށް ހަދާނެ ކަމަށެވެ.

ރާއްޖޭގައި ޓިއުޝަނުގެ ކަންތައް ހިނގަމުން ދަނީ އޭގެ ނޭދެވޭ ގޮތުގައިކަން ސިފަކުރައްވާ ނާޒިމް ވިދާޅުވީ މިހާރު ޓިއުޝަނުގެ "ވަބާ" ރާއްޖޭގައި އިންތިހާއަށް ގޮސްފައިވާ ކަމަށާއި އަދި ދަރިންގެ ޓިއުޝަން ފީއަށް އާމްދަނީން ބޮޑު އެއްޗެއް ބެލެނިވެރިން ހޭދަކުރާ ކަމަށެވެ.

އެހެންކަމުން ތައުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިހާރު މި އޮންނަ ނުރަނގަޅު ޓިއުޝަނުގެ ކަލްޗާ އުވާލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ އެ ސިޔާސަތު ތަކަކީ ރާއްޖޭގެ ތައުލީމީ ނިޒާމާމެދު ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ގިނަ މައްސަލަތަކަށް ހައްލު އަންނާނެ ސިޔާސަތުތަކެއް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެއީ ރަނގަޅު ތައުލީމަކަށް ޓިއުޝަނަށް ބަރޯސާވާން ޖެހުމާ، ދުވާލަކު އެތައް ފަހަރަކު ދަރިވަރުން ސްކޫލަށް ގެންގޮސް ގެންނަންޖެހުމާ އެކަމުގެ ސަބަބުން ބެލެނިވެިރންނާއި ދަރިވަރުންނަށް އާއިލީ ވަގުތު ހޯދަން ދަތިވެފައިވުން ފަދަ ކަން ކަމަށެވެ. އަދި މިއީ ސްކޫލުތަކުގެ ޓީޗަރުންގެ ވެސް ޝަކުވާއަކަށް ވެސް ވެފައިވާ ކަމެއް ކަމަށެވެ.