އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމެންޓެއް ދޭނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އެމްއެންޕީ "ނުއިވޭ އަޑުތަކޭ؟" ނަމުގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އުފާވެރި އާއިލާއެއް ބިނާކުރުމަށް އެންްމެ އަސާސީ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ކަމަށާއި އެގޮތުން އޭނާގެ ސިޔާސަތުގައި އާއިލާއަކަށް 1،200 އަކަފުޓުގެ ބިމެއް ނުވަތަ އެޕަޓްމެންޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ އާއިލާއަކަށް ލިބޭ ތަންކޮޅަށް ފައިސާ ދެއްކޭނެ ގޮތެއް ނެތްނަމަ ރެންޓް ސަޕޯޓް ތައާރަފް ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެމްއެންޕީގެ ސަރުކާރެއްގައި އެޕާޓްމެންޓް ބަދަލުކުރެވޭ ގޮތަށް ހަދައިދިނުމަކީ ގެންގުޅޭ ސިޔާސަތެއްކަން ފާހަގަކުރައްވާ އަލަތު ކައިވެންޏަށް ފަހު އެ އާއިލާ ބޮޑުވުމުން އެ އުލުނު އެޕާޓްމަންޓް ދޫކޮށްލާފައި އެހެން ތަނަކަށް ބަދަލުވެވޭނެ ސިޔާސަތެއް ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް އަންނަނީ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ރޯދަ ހިފާ އުމުރުގެ އެންމެންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީއަކީ 2،83،000 މީހުން ކަމަށް ވާއިރު، މީހަކަށް 3،000 ރުފިޔާ ދިނުމަށް ހަރަދުވާނީ 1 ބިލިއަނަށް ވުރެ ކުޑަ އަދަދެއް ކަމަށާއި ދައުލަތުގެ އާމްދަނީ އަށް މަހަކު 1 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބޭއިރު، ރޯދަ ހިފާ އުމުރުގެ އެންމެންނަށް އަހަރަކު އެއްފަހަރު ދޭ މި އިނާޔަތް ދިނުމަށް ދައުލަތުގެ އެއް މަހުގެ އާމްދަނީން އެކަން ކުރެވޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.