ކުރިއަށް އޮތް ރޯދަ މަހު ފެމިލީ ކޯޓުން ކައިވަނި ކޮށްދޭނެ ގަޑިތައް އާންމު ކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވަނި ކޮށްދޭން ހަމަޖެހިފާވަނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީ ކޯޓުގައި ކަމަށެވެ.

އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކައިވެނި ކޮށްދެނީ ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށް ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. ކޯޓުން ބޭރުގައި ކައިވެނި ކޮށްދެނީ ވެސް ހަމަ އެ ގަޑިތަކުގައެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ކާވަނި ކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު 195 ކައިވެންޏެއް ކޮށްދީފައި ވާއިރު މިދިޔަ އަހަރު 2514 ކައިވެންޏެއް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނި ރަޖިސްޓަރީ ކުރުމަށް 2021 ވަނަ އަހަރު ނިމުނުއިރު 24 މައްސަލައެއް ހުށަހަޅާފައި ވާއިރު މިދިޔަ އަހަރު ވަނީ 176 މައްސަލައެއް ހުށަހަޅާފައެވެ. އަދި އޭގެ ތެރެެއިން 184 ކައިވެނި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

2021 ވަނަ އަހަރު އެއް މައްސަލައާއި 2022 ވަނަ އަހަރު 20 މައްސަލައެއް ވަލީ ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 18 މައްސަލައެއް ވަނީ ނިންމާފައެވެ.