ރާއްޖޭގައި ހެދި ފުރަތަމަ މޫދުގައި ދުއްވާ ކާރު އަންނަ މަހު ބާއްވާ ސްޕޯޓްސް ފެސްޓިވަލްގައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔުނިކް ސްޕޯޓިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން އެންޑޯސް ކޮށްގެން މި އަންނަ މަހު 27 އިން 29 އަށް ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވާ އެ ސްޕޯޓްސް ފެސްޓިވަލުގައި މޫދުގައި ދުއްވާ ކާރު ލޯންޗު ކުރުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާކުރަމުން ޔުނިކް ސްޕޯޓިން ބުނީ މޫދު ކާރަކީ ރާއްޖެއިން ބޭރުގައި މިހާރުވެސް ބޭނުން ކުރާ ކާރަކަށް ވީ ނަމަވެސް ރާއްޖޭގައި އެ ފަދަ ކާރެއް ހެދޭ ވަރުގެ ބޯޓު ބިލްޑަރުން ރާއްޖޭގައި ތިބި ކަމަށެވެ. އަދި އެ ކާރު ހަދަނީ ރާއްޖޭގެ ބޯޓް ބިލްޑިން ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށާއި އެ މަސައްކަތަށް 3 ހަފްތާ ހޭދަވާނެ ކަމަށް ޔުނިކް ސްޕޯޓިން ވަނީ ބުނެފައެވެ. އަދި ދެ ސީޓުގެ އެ ކާރު ހަދަނީ ޖެޓްސްކީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ވާއިރު އޭގައި ޖެޓު އިންޖީނެއް ވެސް ހިމެނެއެވެ.

އެ ފެސްޓިވަލަށް ވަނުމަށް ޓިކެޓެއް ނަގަން ޖެހޭއިރު އެކި ލެވެލްތަކުގެ ޓިކެޓު ހިމެނެއެވެ. އެގޮތުން ޓިކެޓް ނަގާ ލެވެލް އެއްގެ ގޮތުން މޮޓޮރައިޒް އުޅަނދުތަކަށާއި މޮޓޮރައިޒް ނޫން އުޅަނދުތަކަށް އެރޭނެއެވެ.

ހުރިހާ އުމުރަކަށް އަދި ވޯޓާ ސްޕޯޓްސްގެ ދާއިރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ފެސްޓިވަލުގައި މޫދު ކުޅިވަރުތަކާ ގުޅުން ހުރި އެސޯސިއޭޝަންތައް ބައިވެރިކޮށް އެ މީހުންގެ މަސައްކަތްތަކާއި ކޯސްތަކާ ބެހޭ މައުލުމާތު ދިނުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ޔުނިކް ސްޕޯޓީން އިން ބުނެއެވެ.