ހުޅުމާލެ ހޮސްޕިޓަލްގެ ކަރަންޓު ޕެނަލަށް ދިމާވި މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރެއިން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުން އެކި ފަހަރު މަތިން ކަރަންޓު ކެނޑުމާއި ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކޮށް، އެ ހިދުމަތް ވަގުތީ ގޮތުން ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަނީ ބަދަލުކޮށްފައެވެ.

އެއާއެކު ހޮސްޕިޓަލުގެ ވާޑުގަ އާއި އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި އެކި ބަލި މީހުން އައިޖީއެމްއެޗް އާއި ޓްރީޓޮޕް ހޮސްޕިޓަލަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާއިރު މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލްގެ ފަރާތުން ވަނީ ރޭ ފަތިހު ބުނެފައި ވެއެވެ.

އެއާއެކު މައްސަލަ ހައްލުކޮށް މިހާރު ހިދުމަތްތައް އިއާދަ ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެެ. އޯޕީޑީއެކޭ އެއްފަދައިން އީއާރްގައި ވެސް ހިދުމަތް ދޭން ވަނީ ފަށާފައެވެ.

ހިދުމަތްތައް އާންމު ހާލަތަށް ރުޖޫއަވިކަން އިއުލާނުކޮށް، ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެ ހާލަތަށް ގެނައުމުގައި އެހީތެރިވި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓެލްކޯއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހާއި އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ 20 އަހަރު ކުރިން ސިއްހީ މަރުކަޒެއްގެ ގޮތުގައި ހުޅުމާލޭގައި ހުޅުވި އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް މިދިޔަ ނޮވެމްބަރު މަސްތެރޭ ވަނީ އަލުން ހުޅުވާފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ފަށައި އެތަނުގެ އިމަޖެންސީ ހިދުމަތް މިހާރު ވަނީ ދެގުނައަށް ބޮޑުކޮށްފައިވާއިރު އެ ހޮސްޕިޓަލުގެ ޑައިލިސިސްގެ ހިދުމަތް ފުޅާކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.