ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތްތައް އޯޕީޑީ ހިޔާއަށް ބަދަލުކޮށްފިއެވެ.

ރޭ ފަތިހު އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ޓެކްނިކަލް މައްސަލަ ދިމާވެ އެ މައްސަލަ ހައްލުކުރެވެންދެން، ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

ކަރަންޓުގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ހޮސްޕިޓަލުގެ ޓީމުން ކަމާ ބެހޭ އިދާރާތަކާ އެކު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ، މައްސަލަ ހައްލު ވީހާ އަވަހަކަށް ހޮސްޕިޓަލުގެ ހިދުމަތްތައް އަލުން ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

މީގެ 20 އަހަރު ކުރިން ސިއްހީ މަރުކަޒެއްގެ ގޮތުގައި ހުޅުމާލޭގައި ހުޅުވި އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް މިދިޔަ ނޮވެމްބަރު މަސްތެރޭ ވަނީ އަލުން ހުޅުވާފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ފަށައި އެތަނުގެ އިމަޖެންސީ ހިދުމަތް މިހާރު ވަނީ ދެގުނައަށް ބޮޑުކޮށްފައިވާއިރު އެ ހޮސްޕިޓަލުގެ ޑައިލިސިސްގެ ހިދުމަތް ފުޅާކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.