ވިނަރެސް އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގައި ދިރިއުޅޭ ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުގައި މިއަދު ހެނދުނު 7:41 ހާއިރެވެ.
އެމްއެންޑީއެފް އިން ބުނީ، އެ އެޕާޓްމެންޓްގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާއިރު، "އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި،". ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެންޑީއެމްއޭ އިން ބުނީ، ހުޅުމާލޭ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިފައިވާތީ އެ އޮތޯރިޓީން ކަންކަން ބަލަމުންދާ ކަމަށެވެ.
އަދި އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާކަން ފާހަގަކޮށް، އެ އޮތޯރިޓީން ބުނީ އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ ކުރީން ވެސް މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާ ބައެއް މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައި ވެއެވެ.