ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާއެވެ.
މި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ފެށި ނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ކްރިމިނަލް ކޯޓުން ބުނާ ގޮތުގައި އަޑުއެހުންތައް ކެންސަލް ކުރަންޖެހެނީ މަންޑޭ ޝަރީއަތަށް ހާޒިރު ނުވާތީއެވެ. މިއަދުގެ ޝަރީއަތަށްވެސް އޭނާ ހާޒިރު ކުރީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މަންޑޭގެ ފަރާތުން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުލިބޭކަން ފާހަގަކޮށްފައެވެ. އެގޮތުން ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް އެންގުމަށް ފަހު އެ ދުވަސްތަކުގައި އޭނާ ބޭރުގައި އުޅޭ ކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދޭތީ ގާޒީ ވަނީ ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ.
އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގޮބޮޑެތި ސާމާނުތަކާއި ދަބަހާއި ސެންޓު ފަދަ ތަކެތި ވެސް ވަނީ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 7 މިލިއަން ރުފިޔާއަށް އަރަ އެވެ. މިތަކެތި އަނބުރާ ހޯދަން މަމްދޫހު ހައި ކޯޓާ ހިސާބަށް ދިޔަ ނަމަވެސް ހައި ކޯޓުން ވެސް ނިންމީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ. މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.