ކުނި ނެގުމުގައި ވެމްކޯ އާއި މާލެ ސިޓީ ކައުންސިލްގެ ކޯޓުމަށްފަހު ވެމްކޯއިން ދެމުން އަންނަ ހިދުމަތްތަކުގެ އަގުތައް ބޮޑުކޮށް އިއުލާން ކޮށްފިއެވެ.

ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީއާއި އިކޮނޮމިކް ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތަކުގެ އަގު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އަގަށް ގެނައި ބަދަލުތައް އިއުލާން ކުރި އިރު ގޭބިސީތަކުން ކުނި ނަގަމުން އަންނަ ރޭޓް ވަނީ 150ރ ގައި ހިފަހައްޓާފައެވެ. ވިޔަފާރިއާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27ރ ގ މަގުން ނަގަން ނިންމާފައި ވާއިރު ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330ރ ނަަގަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ޓަނަކަށް 1060ރ އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660ރ ނަގަން ނިންމާފައި ވާއިރު ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލީޓަރަކަށް 1.27ރ އަދި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސް އަށް ޓަނަކަށް 2660ރ ދެން ނަގާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ. އަދި ކުނީގެ ބާވަތްތައް ވަކި ނުކޮށް އުކާލާ ގޭބިސީތަކުން ކޮންމެ ފަހަރަކު އިތުރަށް 1000 ރުފިޔާ ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މި ބަދަލު ގެންނަން ނިންމާފައި ވަނީ އޭޕްރީލް މަހުން ފެށިގެން ވެމްކޯއަށް ދައްކަން ޖެހޭ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން ނަގަން ނިންމާފައި ވަނިކޮށެވެ.