އިއްޔެ ފާހަގަ ކުރި އަންހެނުންގެ ދުވަހާ ގުޅިގެން ސްކައިރޮކް ބޭންޑުން އާ ލަވައެއް ނެރެފިއެވެ.

"ހޭވައްލާ ތައްޔާރު" ގެ ނަމުން ނަން ދީފައިވާ މި ލަވައަކީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ބޭންޑުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ ލަވައެކެވެ. ސްކައިރޮކް ބޭންޑުން ބުނީ އަންހެނުން ދުވަހުގެ މުނާސަބާތުގައި އަލްބަމުގައި ހިމެނޭ ލަވައެއް އެ ނެރުނީ ކަމަށެވެ. އެ ލަވަ އަކީ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހިއްވަރާއެކު ކެރިގެން ކުރިމަތިލުމާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ލަވައެކެވެ.

ދިވެހި ހަ އާޓިސްޓުން ހިމެނޭ މި ބޭންޑުން ބުނީ މިއަހަރު އެ ބޭންޑުން ނެރުނު ފުރަތަމަ ލަވައާ މެދު ބޮޑު އުންމީދެއް ކުރާ ކަމަށާއި މި ލަވަ އާންމުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި ވަޒީފާގެ މާހައުލާއި ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމުގައި ކުރިއަށް ދިއުމަށް އަންހެނުންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެ ބޭންޑުން ނެރުނު ނޫސްބަޔާނުގައި ބުނީ ކުރިއަށް އޮތްތަނުގައި ވެސް އެމީހުންގެ ބައިވަރު ޕްރޮޖެކްޓްތައް އެބަހުރި ކަމަށާއި އާ ލަވަތަކާއި ހުށައެޅުންތައް ވެސް އެބަހުރިކަމަށެވެ. މި ބޭންޑަކީ ރިސޯޓުތަކާއި ސްޓޭޖުތަކުގައި ލައިވް ޕަފޯމަންސްތައް ހުށައަޅަމުން އަންނަ ހުނަރުވެރި ބޭންޑެކެވެ.