މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އާ އަލްބަމް އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރާގޮތަށް ނިންމައިފިއެވެ.

"ސަބްޓްރެކްޓް" ގެ ނަމުން ނަން ދީފައިވާ މި އަލްބަމަކީ އެޑް ޝީރަންގެ މިއުޒިކީ ކެރިއަރުގައި އޭނާ ނެރޭނެ ހަ ވަނަ އަލްބަމެވެ. އަލްބަމާ ގުޅޭގޮތުން އެޑް ޝީރަން ބުނީ ނިމިދިޔަ އަހަރަަކީ ހަޔާތުގައި ވަރަށް ބޮޑު އަނދިރިގަނޑަކަށް ވެއްޓުނު އަހަރެއް ކަމަށާއި އެ އަހަރު ކުރީކޮޅު އެއީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތައް ކަމަށެވެ. އެހެންވެ މި އަލްބަމުގައި ހިމެނޭ ލަވަތަކަކީ އެ ދުވަސްވަރު ދިމާވި އަނދިރި ދުވަސްވަރު ދޭހަކޮށްދޭ އަލްބަމެއް ކަމަށެވެ.

ހަތަރު ފަހަރެއްގެ މަތިން ގްރެމީ އެވޯޑު ހާސިލްކޮށްފައިވާ އެޑް ޝީރަން ބުނީ މި އަލްބަމުގައި ހިމެނޭ ލަވަތަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ލަވަތަކެއް ކަމަށާއި ލަވަތައް ހަދާ ނިންމާލީ ހަފްތާއެއްގެ ތެރޭގައި ކަމަށެވެ. އަދި ލަވަތައް ލިޔުނު އިރު އޭނާ ހުރީ ޑިޕްރެޝަންގައި ކަމަށާއި އޭގެ ސަބަބުން ލަވަތަކުގެ މާނަ ވަރަށް ފުން ވާނެ ކަމަށެވެ.

އެޑް ޝީރަންގެ ޅައުމުރު ދުވަސްވަރުގައި ދިމާވި، ލޯބިވެރިޔާ އާ މިހާރުގެ އަނބިމީހާ ޗެރީ ސީބޯން ދެވަނަ ދަރިއަކަށް ބަލިވެއިން ދުވަސްވަރު ޗެރީގެ ހަށިގަނޑުގައި ޓިއުމަރެއް އިންކަން ޑޮކްޓަރުން ހާމަކުރުމާއެކު އޭނާގެ މުޅި ދުނިޔެ އެނބުރުނު ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ހާސްވީ މާބަނޑު ދުވަސްވަރުކަމުން އެކަމަށް ދޭނެ އެކަށީގެންވާ ފަރުވާ ނުލިބުމުން ކަމަށެވެ. އޭރު ޑަކްޓަރުން އުންމީދު ކަނޑާލި ކަމަށްވެސް އެޑް ވަނީ ބުނެފައެވެ. އެ ކަންތައްތަކާ ހެދި ބޮލުގެ ރިހުން ގަދަވެފައިވާ ދަނޑިވަޅުގައި އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" ގެ ލިރިކްސް ޕްލޭޖަރައިޒް ކޮށްފައި ވާކަމުގެ ދައުވާގައި ކޯޓަށް ވެސް ދުވަންޖެހުނު ކަމަށެވެ. އެކަހަލަ ގިނަ ސަބަބުތަކާ ހުރެ އެދުވަސްވަރު ހުރީ މީހާގެ މެންޓަލް ހެލްތު ވަރަށް ބޮޑަށް ދަށްވެފައި ކަމަށްވެސް އެޑް ޝީރަން ބުންޏެވެ. އެޑް ޝީރަން އާއި އޭނާގެ އަނބިމީހާ ޗެރީ ދިމާވީ އެޑްގެ އުމުރުން އެންމެ 11 އަހަރުގައެވެ.