މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 10 ތަނެއް ބަލާފާސްކޮށް 5 ދިވެހި ފިރުހެނުން ހައްޔަރުކުރުމުގެ އިތުރުން 4.097 ކިލޯ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު ވިދާޅުވީ މި އޮޕަރޭޝަންއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް ބުރަވެ މި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ހޯދިފައިވަނީ 4.097 ކިލޯގެ ހެރޮއިން ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި އާންމުވެފައިވާއިރު މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 310 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ރާއްޖޭގައި 3 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަަލައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު މާފުށި ޖަލަށް ގެންދިޔަ ގައިދީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުން ކޮށްގެން (ފުރަގަސްފަރާތަކަށް ލައްވައިގެން) ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވެސް ވަނީ އަތުލައިގަނެފައެވެ.

މަސްތުވާތަކެތީގެ ވަބާ ދިވެހިރާއްޖޭގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުމުގެ އިތުރުން މަސްތުވާތަކެތި ވިއްކާ ތަންތަން އަންނަނީ ބަންދު ކުރަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި ހޯދާ 4 މީހަކު އަތުލައިގެންފައިވެއެވެ.