ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއު ކުރުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައި ވަނީ ޝަކީލް ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މާޗް 5 ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ބުނީ، ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުން އޮންނާނީ މި މަހުގެ 13 ގައި ކަމަށެވެ.
މާޗް 23، 2003 ގައި ފަނޑިޔާރުކަމަށް އައްޔަން ކުރި ޝަކީލަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާ އޮފް ޝަރީޢާ އާއި މާސްޓާ އޮފް ޝަރީޢާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ނަވާރަ އަހަރު ފަނޑިޔާރުކަމުގައި ޝަކީލު މަސައްކަތް ކުރައްވާފައިވާ އިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައި ވެއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޝަކީލަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ދަށުކޯޓުގައި ބެއްލެވި ގާޒީއެވެ. ފަނޑިޔާރުކަމުގެ މަގާމަށް ޝަކީލު އައްޔަންކުރަން ނިންމުމާ ގުޅިގެން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.