އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންނަށް ގާނޫނީ ވަކީލުންގެ ހައްގު ނުދީ، ހައްޔަރު ކުރާ މީހުންނަށް ލިބެން ޖެހޭ ގާނޫނީ ވަކީލުންގެ ހައްގަށް ފުލުހުން އަރައިގަންނަމުންދާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާލު ފާޅު ކުރުމާއި ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރުމުގެ ހައްގުގެ ބޭނުންކޮށް ޕީޕީއެމް އިން މަގުމަތީ ހިންގާ ހަރަކާތްތަކަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާ ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ދިވެހި ރައްޔިތުންނަށް އަނިޔާކޮށް، އިހުތިޖާޖުގެ ބައިވެރިން ސުލްހަވެރިކަމާއެކު ތިއްބާ، އެއްވެސް ކަމަކާ ނުލާ ހިފާ ހައްޔަރުކޮށް އެތައް އިރެއް ވަންދެންކޮންމެ ރެއަކު ބަންދުކޮށްފައި ބޭތިއްބުމަކީ ޑިމަކްރަސީއާ ވަރަށް ބީރައްޓެހި ކަން ކަމަށް ޕީޕީއެމް އިން ބުނެއެވެ.

އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ވެސް ހިލާފު ކަމެއް ކަމަށް ޕީޕީއެމް އިން ބުނެއެވެ.

މީގެ އިތުރުން އެޕާޓީން ހިންގާ ހަރަކާތްތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދާ ގާނޫނީ ވަކީލުންގެ މަސައްކަތަށް ހުރަސް އަޅާ އެމީހުންގެ ހައްގުތައް ގެއްލޭ ގޮތަށް އަމަލު ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނީ، އިހުތިޖާޖުގައި ހައްޔަރުކޮށް ބިޑިއެޅުވުން ފަދަ އަމަލުތައްވެސް މިހާރުވަނީ ކުރަން ފަށާފައިވާ ކަމަށާއި އެގޮތުން އެޕާޓީގެ އިސްތިއުނާފް ކޮމިޓީގެ މުގައްރިރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާގީބު މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

ހަމައެހެންމެ ރޭގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ އެންމެންވެސް އެއްވެސް ޝަރުތަކާއި ނުލާ މިހާރުން މިހާރަށް ދޫކޮށްލަން ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

ޕީޕީއެމް އިން ވަނީ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރު ތަންފީޒުކޮށް އިހުތިޖާޖުތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގާނޫނާއި ހިލާފަށް ދިވެހި ރައްޔިތުން ހިފާ ހައްޔަރު ކުރަމުން ގެންދާ މައްސަލަ ބައްލައިދިނުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ވެސް ގޮވާލާފައެވެ.