އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީގެ ހަމަތަކުގެ މަތީގައި ހިފަހައްޓާ ޕާޓީއެއް ކަމަށާއި ފާއިތުވި ހަތަރު އަހަރު ޑިމޮކްރަސީގެ 'ސީދާ' ބިންގަލެއް އެޅިފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިހާރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން، "ސްޓްރެޓީޖިކް ނިއުސް ގްލޯބަލް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
މި ގޮތުން ޝާހިދު ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ، ރައްޔިތުންނަށް ދިމާވެފަވާ އެތައްކަމެއް ރައީސް ހައްލުކޮށްދެއްވާފައިވާ ކަމަށެވެ. އެމްޑީޕީން އަބަދުވެސް ކުރިއަށް ދަނީ ޑިމޮކްރަސީގެ ހަމަތަކުގައި ހިފަހައްޓައިގެން ކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މީގެކުރިން ވެރިކަންތަކުގައި ޝަރުއީ ދާއިރާ ވަރަށް ބޮޑަށް ގަޑުބަޑަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ވެރިކަމުގެ އަހަރުތައް ފާއިތުވެފައި ވަނީ ތިންބާރު ވަކިކުރެވި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ކެމްޕައިނާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ ރައްޔިތުންނަށް ވިއްކާނެ އިތުރު ވިސްނުމެއް އަދި ފިކުރެއް އިދިކޮޅު ކޯލިޝަނުގައި ނެތްކަމަށެވެ. އަދި އެއީ އެއްވެސް އޮއްޓަރެއް ނެތް ބަލިކަށި ވިސްނުމެއްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މަދު ރައްޔިތަކު ނޫން އެހެން ބަޔަކު އެ ވާހަކައަށް ނުވިކޭނެ ކަމަށެވެ،
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ އެކަމުގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ދެކެ ވަޑައިނުގަންނަވާ ކަމަށެވެ. މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ މަރުހަލާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މިހާރުވެސް މަންޒަރު ވަރަށް ސާފުކަމަށެވެ. އެމްޑީޕީއިން ވާދަވެރި ޕްރައިމަރީއެއް ފެނުމުން އުފާވާކަން ފާހަގަކޮށް މިހާރުވެސް އެމްޑީޕީ އާއި އެކު ދެ ޕާޓީއެއް ކޯލިޝަން ހަދާފައިވާކަމަށެވެ.