ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ޒުވާނުންނަކީ އިންފްލުއެންޝަލް ބައެކެވެ. ޒުވާނުންގެ ހުނަރުތަކާއި ކުރިއަރުވާ ހިޔާލުތައް، އިސާހިތަކު ވައިރަލް ވެއެވެ.

ބައެއް ހިޔާލުތަކަކީ، އެކިއެކި ފަރާތްތަކުގެ އިންފްލުއެންސް ކަމަށް ވިޔަސް ގިނައީ ރަނގަޅު ހިޔާލުތަކެވެ. އުފެއްދުންތެރި އީޖާދީ ވިސްނުންތަކެވެ.

އިންސާނާގެ ސިނކުނޑި ފުރާ ފުރިހަމަ ވާނީ 40 އަހަރުންނޭ ބުނެއުޅޭ އަޑު އަހާނެވެ. އެއީ އޭގެ ކުރިން ސިނކުނޑި ފުރިހަމަ ނުވާތީ ބުނާ ބުނުމަކަށް ވުރެ ބޮޑަށް އެއީ ޅަ އުމުރުމުގައި ނުވަތަ ޒުވާން އުމުރުގައި ސިކުނޑީގެ މައްޗަށް ބާރުފޯރުވުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ބެލެވެއެވެ.

ރައްޓެހިންނާއި އެކުވެރިން ދައްކާ ވާހަކަ ފަސޭހައިން ގަބޫލު ކުރެވުމާއި ރައްޓެއްސަކު ކަމެއްގައި އުޅެން ފެށުމުން ބައިވެރި ވެވޭ ވެސް އުމުރުފުރާ ކަމަށް ވުމެވެ.

ރާއްޖޭގެ ކޮންޓެކްސްޓަށް ބަލާއިރު ސޯޝަލްމިޑިއާ، ހާއްސަކޮށް އެކްސް އަކީ ޒުވާނުންގެ މެދުގައިވެސް މަގުބޫލު، ހިޔާލުފާޅު ކުރުމުގައި ގިނަ ބަޔަކު ބޭނުން ކުރާ ޕްލެޓްފޯމެކެވެ. ތެދާއި ދޮގު ފަތުރާ އެ ޕްލެޓްފޯމްގެ ތެރޭގައި ގަސްތުގައި އޮޅުވާލައި ރުޅިވެރިކަން އުފެއްދުމަށް މީހުން ކުރާ މަސައްކަތުގައި ފަސޭހައިން ޖެހޭ ޒުވާނުންވެސް އުޅެއެވެ. ފަތުރާހާ ވާހަކައަކީ ތެދެއް ނޫންކަން އެނގި ތިބެމެ އެއަށް ރިއެކްޓް ކޮށް، ވާހަކަ ފަތުރާ ފަރާތުން މެނުޕިލޭޓް ކުރާ ބޭނުމަކީ ކޮބައިކަން ނޭނގި ބައިވެރިވެވެއެވެ.

ބައެއް ފަހަރު ޕިއާ ޕްރެޝާގެ ސަބަބުން އަނެއްބައި ފަހަރު 'ސަޅި ކަމެއް ކޮށްލާ' ހިތް ވެގެންނެވެ.

ޕާޓީ ކުރުމާއި ބިރަކާ ނުލައި މަޖާ ކުރުން ފަދަ ވިސްނުންތަކަކީ އިއްޔެއަކު މިއަދަކު އުފަންވެގެން އުޅޭ ވިސްނުންތަކެއް ނޫނެވެ. ހުޅަނގުގެ ދޮން ކުދިން އުޅޭ ގޮތަށް އުޅެން ބޭނުން ވުމުގެ އިތުރުން ވިޝުއަލް ކޮންޓެންޓުގެ ގޮތުގައި ޓްރެންޑް ވަމުން ދާ ޑްރާމާތަކާއި އެ ޑްރާމާތަކުގައި ހަރަކާތްތެރިވާ އެކިއެކި ސެލެބްރިޓީންގެ އުޅުމާއި ގުޅުން އަދި ވިސްނުންތައް ނަކަލު ކުރުމާއި، ގޭމްތަކާއި އެ ނޫންވެސް ޕްލެޓްފޯމްތަކުން ފެންނަ މަންޒަރުތަކަށް ސިކުނޑި ލެނބިގެން ދާން ފެށީ މިއަދަކު ނޫނެވެ.

ރާއްޖޭގެ ކުށުގެ ވެށި ފުޅާވެ ބޮޑެތި ކުށްތަކަށް އަރައިގަތުން މިހާރު އާންމުވެފައި ވާކަން އެންމެނަށް ވެސް އެނގެއެވެ. އެ ފަދަ ކުށްތަކަށް އަރައިގަންނަ އުމުރުފުރާގައި ގިނައީ ޒުވާނުންކަންވެސް އެނގެއެވެ. އޭގެ ތެެރޭގައި ޕާޓީ ކޮށް، މަސްތުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ބަދުއަހުލާގީ އަމަލުތައް ހިންގުމާއި، ޖިނާއީ އަދި މަދަނީ ކުށްތަކަށް އަރައިގަތުންވެސް ހިމެނެއެވެ.

މިހާރު 3-4 ރޭ ވި ޒުވާނުންގެ މުޒާހަރާއަކީ، މުޖުތަމައުގައި ހިނގަމުންދާ ކުށްތަކާއި އެ ކުށްތައް ކުރާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ތަފާތު ކުރުން ގެންގުޅުމާއި އެ ފަދަ ކުށް ކުރާ ފަރާތްތަކަށް އިންސާފު ނުލިބިގެން ކުރާ މުޒާހަރާތަކެކެވެ. މުޒާހަރާގެ ބައިވެރިން ގޮވަނީވެސް އެ ވާހަކަތަކެވެ.

މިހާރު ކުރިއަށް ދާ މުޒާހަރާ ފެށުނީ އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާ އާ ގުޅިގެން، ވެއްޓިފައި އޮތް މީހާއަށް އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު އާންމު ކުރުމުގައި އޮޅުން އަރާ ގޮތަށް، މައުލޫމާތު ދިމާނުވާގޮތަށް އާންމު ކޮށްފައި ވުމާއި ހާދިސާ ހިނގިތާ 4 ދުވަސް ވީ އިރު، އެއްވެސް މައުލޫމާތެއް ހާމަ ނުކޮށް ފުލުހުން ތިބުމަކީ ޒުވާނުން މަގުމައްޗަށް ނިކުންނަން ޖެހުނު އެއް ސަބަބެވެ.

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ އެ މުޒާހަރާތަކުގައި ތަހުގީގީ އިދާރާ، ފުލުސް އޮފީހާއި ތަހުގީގު ގެންދާ ދޯހަޅި ކަމުގެ މައްޗަށް ވާހަކަ ދައްކާ އެތާނގެ ވެރިންގެ އިސްތިއުފާ އަށް ގޮވައެވެ. އަދި އެ އިދާރާގެ ވަޒީރު، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ އިސްތިއުފާ އަށް ވެސް ގޮވައެވެ. ހަމަ އެހެންމެ، ފުރާޅު މައްޗަށް އަންހެން މީހާ ވެއްޓުނު ކޭސްގައި ހިމެނޭ ބައެއް ޒުވާނުންނާ އާއިލީ ގޮތުން ގުޅުން ހުރި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ގޮވައެވެ.

ސުލްހަވެރިކަމާއެކު 4 ރޭ މުޒާހަރާ ކުރި އިރު ބައިވެރިން އަދި ނުދައްކާ އެއް ވާހަކަ އަކީ، މަސްތުވެ ޕާޓީ ކުރުން ވެސް 'ކަޑަ' ވާހަކައެވެ. ރާބޮއެ ނުވަތަ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވުމަކީ މީހާ ހަމައިން ނެއްޓި ބުއްދި ފިލާދާ ކަމެއްކަން އެނގޭ އިރު، އަދި 'ރަލަކީ ނުބައިކަމުގެ މަންމަ' ކަމުގައި އޮންނަ އިރު، ރޫޓް ކޯސް ހުއްޓުވަން ވެސް ގޮވާލަން ޖެހެއެވެ.

އެއްވެސް މަރަކީ، އަދި މަރާލަން އުޅުމަކީ ބަލައިގަނެވޭނެ އަދި ގަބޫލު ކުރެވޭނެ ކަމަކަށް ނުވާ އިރު، މީހާގެ ބުއްދި ފިލާދާ މަސްތުވާތަކެތި ހުއްޓުވުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަޑު އުފުލައި އެ އަޑު ބާރު ކުރަން ވެސް ޖެހެއެވެ.

ޒުވާނުން ނިކުތީމައި އެކަންވެސް ރަނގަޅު ކުރެވޭނެއެވެ.