ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖެއްސީ، މައި މަރުކަޒެއްގެ ގޮތުގައި މީގެ ކުރިން ހަމަޖެއްސި ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް މަރާމާތުކުރަން ގިނަ ދުވަސް ނަގާފާނެ ކަން ބެލެވޭތީ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރު މެދުތެރޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިއުލާނުކޮށް، އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި އަޑުގެ އިމާރާތް ހަމަޖެއްސިކަން ހާމަކޮށްފައެވެ.

ނަމަވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ހަބީބް ވިދާޅުވީ، އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރުމަށް ޕްލޭނިން މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އެ ތަން (އަޑު ހިންގާ އިމާރާތް) ތަންކޮޅެއް ބާ ތަނަކަށް ވީމަ ފަހަރުގަ މަރާމާތުކުރަން ވިސްނާލާއިރު ގިނަ ދުވަސް ނަގާފާނެތީވެ، ދެން އަޅުގަނޑުމެންނަށް ވަގުތުގެ ގޮތުން މިހާރު ތަނެއް ބޭނުންވާ ވާހަކަ ދެންނެވީމަ [ޕްލޭނިން މިނިސްޓްރީން] ދަރުބާރުގެ ހަމަޖައްސަވައިދެއްވީ،" "ދަ ޕްރެސް" އިން ސުވާލުކުރުމުން ހަބީބް ވިދާޅުވިއެވެ.

އިންތިހާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަން ނިންމި ނަމަވެސް، އިންތިހާބުގެ ތާރީހަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، މި މަހު ފަހުކޮޅު އިލެކްޝަންސް ކޮމިޝަންގެ ބޭނުންތަކާ އެއްގޮތަށް ދަރުބާރުގެ މަރާމާތުކުރަން ހުރެއްޖެ ނަމަ އެ މަސައްކަތާއި، ނެޓްވޯކް ގާއިމްކުރުން ފަދަ އިންތިޒާމްތައް 20 ދުވަހުގެ ތެރޭ ނިންމާލެވޭވަރު ވާނެ ކަމަށް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އަންނަ މަހުގެ 25 އިން ފެށިގެން ކޮމިޝަނަށް ދަަރުބާރުގެ ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބަށް ވޯޓުލާ މަރުކަޒުތައް ހޯދުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރެވެމުން އެބަ ދެއެވެ.

"ވޯޓުލާ މަރުކަޒުތަކަށް މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށާއި ދެން ވޯޓު ފޮށި ބަހައްޓާ އެހެން ތަންތަނަށް ސިޓީ ފޮނުވަމުން މި ގެންދަނީ،" ހަބީބް ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުތައް ދޫކުރުމުން އެ ތަންތަނާއި، އެންމެ ފަހުން ބޭއްވި އިންތިހާބަށް ފަހު ވޯޓުލާ ސަރަހައްދުތަކަށް ބަދަލު އައިސްފައިވޭތޯ ސާވޭކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެ ސާވޭގައި ބަލާނެ ކަމަށް ހަބީބް ވިދާޅުވި ކަންކަމަކީ:

  • ވޯޓުލާ މަރުކަޒު ގާއިމްކުރުމަށްޓަކައި ނެގެނީ ކިތައް މަރުކަޒުތޯ
  • ނުކުޅެދޭ މީހުންނަށް ފަސޭހައިން މަރުކަޒުތަކުގެ ބޭނުން ކުރެވޭތޯ

"އެންމެ ބޮޑު މަސައްކަތަކަށް ދެން [އޮތީ] މީހުން ނެގުމުގެ މަސައްކަތް، އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާނުކުރާނަން ޓްރެއިނަރުން ވެސް، [ހޯދަން] ވޯޓުފޮށިގެ އޮފިޝަލުންނަށް ވެސް އިއުލާނުކުރުމުގެ ތައްޔާރީތައް މިހާރު ވަމުން ދަނީ،" ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައެވެ. ދެވަނަ ބުރަކަށް ގޮސްފި ކަމަށް ވަންޏާ އެ މަހުގެ 30 ގައި ދެވަނަ ބުރު ބާއްވާ ގޮތަށް ވެސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.