ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރި އެތައް މިލިއަން ބަޔަކު މަރުވެ ދިޔަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އަކީ، ޗައިނާގެ ސަރުކާރު ލެބޯޓަރީއެއްގެ އުފެއްދުމެއް ކަމަށް ބެލެވޭ ކަމުގައި އެމެރިކާއިން ބުނެފިއެވެ.

ކޮވިޑްގެ އަސްލު ދެނެގަތުމަށް އެެމެރިކާގެ އެފްބީއައިން ދިރާސާތަކެއް ކުރާތާ އަހަރެއްހާ ދުވަސް ފަހުން، ޗައިނާއަށް ފޫޅުކަނޑާ އެމެރިކާއިން އެހެން ބުނި ނަމަވެސް ޗައިނާއިން ވަނީ އެކަން ޑޮގުކޮށްފައެވެ.

އެ މައްސަލައިގައި ޗައިނާއިން ބުނީ، އެމެރިކާއިން ދައްކަނި އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.

އެމެރިކާގެ އެފްބީއައި ޑައިރެކްޓަރު ކްރިސްޓޮފާ ރޭ ފޮކްސް ނިއުސް އަށް ވިދާޅުވީ، މިހާތަނަށް ޔަގީން ކުރެވިފައިވާ ގޮތުން، ކޮވިޑް19 އަކީ ޗައިނާގެ ވޫހާންގައި ހުންނަ ސަރުކާރު ލެބޯޓަރީއަކުން އުފަންވި ވައިރަހެކެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ވައިރަސްގެ އަސްލު އޮޅުވާލުމަށް ޗައިނާއިން ގިނަ މަސައްކަތްތައް ކޮށްފައި ވާ ކަމަށާއި އެއީ އެންމެނަށްވެސް ބަދުނަސީބެއް ކަމަށެވެ.

ވައިރަހެއް ފެތުރި ދާއިރު އޭގެ އަސްލު ދެނެގަތުމަކީ އެ ވައިރަހަކަށް ދޭން ޖެހޭ ސީދާ ފަރުވާ ހޯދުމަށް ސައިންސްވެރިންނަށް ފަސޭހަވާ ކަމެކެވެ. އަދި އާންމު އުސޫލުތައް ހަދާފައި ހުންނަނީވެސް ވައިރަސް ތަކާ ބެހޭ މައުލޫމާތު ޑަބްލިއުއެޗްއޯފަދަ އިދާރާތަކާ ހިއްސާވެސް ކުރަން ޖެހޭ ގޮތަށެވެ. އޭގެ ބޭނުމަކަށް ވަނީ އާންމުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ އެމަގަށް ކަންކަން އިންތިޒާމް ކުރުމަށް ފަސޭހަ ކުރުމެވެ.

ބައެއް ސްޓަޑީތައް ނުވަތަ ހޯދުންތައް ބުނާގޮތުން، ވޫހާންގައި އެ ވައިރަސް އިންސާނެއްގެ ގަޔަށް އެރީ ޖަނަވާރަކުންނެވެ. ވޫހާނަކީ ވަލުޖަނަވާރާއި އޮޅު ޖަނަވާރުގެ މަސް ވިއްކާ އެންމެ ބޮޑު އެއް ބާޒާރު އޮންނަ ސިޓީއެވެ. އަދި ވައިރަސް ދިރާސާ ކުރާ އެންމެ ބޮޑު ލެބޯޓަރީ، ވޫހާން އިންސްޓިއުޓް އޮފް ވިރޮލޮޖީ ހުންނަނީ އެ މާރުކޭޓާ 40 އަކަށް މިނެޓުގެ ރާސްތާއެއްގައި ކަމަށާއި ކޮވިޑް ފެނިގެން ދިޔަ ދުވަސްވަރު އެ ލެބޯޓަރީގައި ކޮރޯނާވައިރަސް އާ ގުޅޭ ދިރާސާތައް ކުރަމުން ދިޔަ ކަމަށެވެ.

އެމެރިކާގެ އެފްބީއައި އިން އެހެން ބުނި ނަމަވެސް އެކަމާ ސުވާލު އުފައްދާ އެމެރިކާގެ އެހެން ބައެއް އިދާރާތައް އެބަހުއްޓެވެ. އެ އިދާރާތަކުން ވަނީ އެފްބީއައި ގެ ހޯދުމުގެ ސައްހަކަން ކަށަވަރު ނުވާކަމަށް ބުނެ ފާޑުކިޔާފައެވެ.

ވައިރަސްގެ އަސްލު ޗައިނާ އާ ގުޅުވާ މައްސަލައިގައި ޑަބްލިއުއެޗްއީގެ ޓީމެއްވެސް ވޫހާންއަށް ގޮސް ދިރާސާތައް ހެދިއެވެ. އެ ދިރާސާތަކުގެ ރިޕޯޓު މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް ވައިރަސްގެ އަސްލު ގުޅެނީ ވޫހާނާ ކަމާމެދު ސުވާލު އުފައްދާފައިވެއެވެ.

އެެމެރިކާގެ އެފްބީއައި އިން މި ދެއްކި ވާހަކައަށް ޗައިނާ ސަރުކާރުން ރަސްމީ ކޮމެންޓެއް ނުކުރި ނަމަވެސް އެކަމާ ގުޅުގައި މީޑިއާ ރިޕޯޓުތަކަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަނީ ރައްދު ދެއްވާފައެވެ. ތަރުޖަމާން މައޯ ނިންގް ވިދާޅުވީ، ވައިރަސް ލީކް ވީ ވޫހާންގެ ލެބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެވާހަކަތައް އެގޮތަށް ފެތުރުން ހުއްޓާލަން ޖެހެއެވެ.