މި ރޯދަ މަހު ހަފްތާ ބަންދު ފިޔަވާ ކޮންމެ ދުވަހަކުވެސް ކޮވިޑް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އެގޮތަށް އިއުލާންކޮށްފައިވަނީ ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފަށައިފާ ވަނިކޮށެެ. އެގޮތުން ވެކްސިން ޖެހޭނެ ތަންތަނުގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެއްޓެވެ.

މާލެ ސަރަހައްދުގައި މި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ:

  • ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ ބުދަ ދުވަހެއްގެ ރޭ 9 އިން 10 އަށް
  • ދަމަނަވެށިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12:30 އިން 1:30 އަށް
  • ދަމަނަވެށިން މާދަމާ ރޭ އަދި 6 އޭޕްރީލްގެ ރޭގަނޑު 9 އިން 10 އަށް

މީގެ އިތުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިންއާއި ބޫސްޓާ ޖެހެން ހުންނާނެ ކަމަށާއި ފައިޒާ ވެކްސިންގެ ޑޯޒްތައް ހަމަނުކުރާ މީހުންގެ އިތުރުން ބޫސްޓާ ޑޯޒް ނުޖަހާ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ އެދިފައެވެ.

މިހާރުވެސް ކޮވިޑްގެ ކޭސްތައް މަދުން ނަމަވެސް ފެންނަމުންދާއިރު އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 19 އިން 25 ވަނަ ދުވަހާ ހިސާބަށް 16 މީހަކަށް އެ ބަލި ޖެހިފައިވާއިރު 2 މީހަކަށް އެދުމަތިކޮށް ފަރުވާދިނެވެ.