މިދިޔަ ސަރުކާރުން ކޮށްދޭނެ ކަމަށް ބުނެ ނުކޮށްދީއޮތް ކޮވިޑް ލޯނުތަކުގެ އިންޓަރެސްޓް ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފުކޮށްދެއްވައިފިއެވެ.
އެކަން ރައީސް އިއުލާންކޮށްދެއްވީ މިހާރު ލ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ފެށި މަސައްކަތުން ސަރުކާރުން ރައްޔިތުންނަށް ދައްކަން ވެފައި ހުރި ފައިސާ އާއި ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުންގެންދާ ކަމަށެވެ. އަދި ހުއްޓިފައި ހުރި މަޝްރޫއުތައްވެސް ފައްޓައިގެން މި ކުރިއަށް މިގެންދަނީ ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ހާލު ޖައްސާފައި އޮތުމުން ލުއިތަކެއް ދެވޭތޯ މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރޯދަމަހުވެސް ވީހާވެސް ގިނަ ލުއިތަކެއް ދިނުމުގެ ގޮތުން ބިލުތައް ކުޑަކޮށްދެއްވާފައިވާ ކަމަށެވެ.
މިދިޔަ ކޮވިޑްގެ ތެރޭގައި ގިނަ ބަޔަކު ހާލުގައި ޖެހި، ލޯނުތައް ނެގިކަން ފާހަގަކުރަވަމުން ރައީސް ވިދާޅުވީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް އަރަމުން ގޮސް ނުކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އިންޓަރެސްޓް މާފުކޮށްދޭނެ ކަމަށް މިދިޔަ ސަރުކާރުން ވާހަކަދެއްކި ނަމަވެސް ވެރިކަން ބަދަލުވީއިރުވެސް އެކަން އޮތީ ނުކޮށް ކަމަށެވެ. އަދި ކޮވިޑް ލޯނު ނެގި ފަރާތްތަކުގެ އިންޓްރަސްޓް މައާފު ކޮށްދިނުމަށްޓަކައި މި ސަރުކާރުން މަސައްކަތް ފަށާ މިދިޔަ 4 މަސް ތެރޭގައި އެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އެ ފަރާތްތަކުން އެޕްލައިކޮށް އެއްބަސްވުމުގެ ދަށުން އެ އިންޓަރެސްޓް މާފުވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރު ބޭނުންވަނީ ފައިސާ ޗާފު ނުކޮށް ރައްޔިތުންނަށް ލުއިދެމުން ބޭރުގެ ދަރަނި ދައްކަމުން އެތެރޭގެ ކުންފުނިތަކަށް ސަރުކާރުން ދަރާފައި ހުރި ދަރަނި ދައްކަމުން ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދަމުން ރާއްޖޭގެ ފުރުންތެރިކަން އިތުރުކުރުމަށް ކަމަށެވެ. އަދި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ދެތިން ކުންފުންޏެއް ނޫނިއްޔާ އޮތީ ދަރާފައި ކަމަށާއި އެހެންނަމަވެސް އެއިން ކޮންމެ ކުންފުންޏެއް މިހާރު އަންނަނީ ފައިމައްޗަށް ތެދުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުހައްމަދު މުއިއްޒު އާއި މެދު ފަޚުރުވެރިވަން ޝުކުރިއްޔާ