އާބަދީގައި 1.4 ބިލިއަން މީހުން ތިބި ޗައިނާގައި 80 ޕަސެންޓް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ޗީފް އެޕިޑެމިލޮޖިސްޓް ވޫ ޒުންޔޯ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލްގެ ވެރިޔާ މިހެން ވިދާޅުވީ، ހިނގަމުން މިދާ 40 ދުވަހުގެ ޗައިނާ ލޫނާ ނިއު އިޔާ އަށް ގައުމު ހުޅުވާލުމާއެކު މިލިއަނުން މިލިއަނުން މީހުން ދަތުރު ކުރަން ފަށާފައި ވަނިކޮށެވެ.
އޭނާ ވިދާޅުވީ، ލޫނާ ނިއު އިޔާ ގައި އެތައް މިލިއަން ބަޔަކު އެއްތަނުން އަނެއް ތަނަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަމުން ދާ ކަމަށާއި މި ވަގުތަކީ ޗައިނާގައި ފެތުމެނުން ދާ ކޮވިޑް ޕީކަށް އަރާފައި ވާ ވަގުތު ކަމަށެވެ. އަދި ކުރިއަށް އޮތް ތެދިން ހަތަރު މަހެއް ވާންދެން މި ރާޅު ދެމިގެން ދާނެ ކަމަށްވެސް އޭނާ ލަފާ ކުރައްވައެވެ.
ޗައިނާގައި ކޮވިޑް 19 އާއި ކޮރޯނާވައިރަސްގެ އާ ވޭރިއަންޓްތައް (ވައްތަރުތައް) ކަމަށް ވާ އޮމިކްރޯން ގެ ސަބް ވޭރިއަންޓް، ބީއެފް7 އާއި އެކްސްއެކްސްބީ 1.5 ވެސް ފެތުރެމުން އެބަދެއެވެ. ކޮވިޑް19 އަށް ވުރެ ބާރަށް ހަލުވިކަމާއެކު ފެތުރޭ މި ވައިރަސްތަކުގައި ވެސް ފުރާނައަށް ނުރައްކާ ވެ މަރުވުމުގެ ފުރުސަތު ބޮޑެވެ. ހިސާބުތައް ދައްކާ ގޮތުން، ކޮވިޑް ޒީރޯ ސިޔާސަތަށް ލުއި ދިން ފަހުން މިހާރުވެސް 60،000 މީހުން އެގައުމުން މަރުވެއްޖެއެވެ. ނަމަވެސް މިއީ ސީދާ އަދަދުތައްކަން ދެނެގަތުމަށް އުނދަގޫ ކަމަށާއި، ގޭގޭގައި އެކަނި އޮވެ މަރުވާ މީހުންނަކީ ކޮވިޑްގެ ބަލީގައި މަރުވާ މީހުންކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށްވެސް މާހިރުން ބުނެއެވެ.
ލޫނާ ނިއު އިޔާއާ ދިމާކޮށް މިހާރުވެސް 5 މިލިއަނެއްހާ ދަތުރު އެއްތަނުން އަނެއް ތަނަށް ކޮށްފި ކަމަށާއި އޭގެ ތެރެއިން 4 މިލިއަނެއްހާ ދަތުރު ކޮށްފައި ވަނީ ރެއިލްގައެވެ. 750،000 އެއްހާ މީހުން ވައިގެ މަގުން ދަތުރު ކޮށްފައި ވާ އިރު 40 ދުވަހުގެ މުއްދަތެއް ހަމަވާ އިރު 20 މިލިއަން ވުރެ ގިނަ ދަތުރު ކުރާނެ ކަމަށް ކަމާބެހާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.
ކޮވިޑް ޒީރޯ ސިޔާސަތަށް ލުއި ދީ ޗައިނާ ހުޅުވާލާފައި ވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ޗުއްޓީއަށާއި އެނޫންވެސް ބޭނުންތަކުގައި ދުނިޔޭގެ އެކި ބައްރުތަކަށް ވެސް ދަތުރު ކުރަމުންނެވެ. ރާއްޖެ އަކީވެސް އޭގެ އެއް މަންޒިލަށް ވާ އިރު، ޗައިނާގެ ފަތުރުވެރިންގެ ފުރަތަމަ ބެޗް މިދިޔަ ހަފްތާގައި ވަނީ ރާއްޖެ އައިސްފައެވެ.
ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުމަށް ތަބަޢަނުވެ ރައްކާތެރިކަމުގެ ފިޔަވަޅު ތައް ބޮލާލާ ޖަހާފަ މަމެން ވަރުގެ ބަޔަކު ނެތިގެން އުޅުނީމާ ވާންވީގޮތް އެވީ.