ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓުތައް ހެދުމުގައި ނާޖާއިޒް ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުއްވައިފިއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ތިން މީހުންނަކީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.
އެ މީހުންނަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި ކަމަށް ބުނެއެވެ.
މި ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.
އޭސީސީން ބުނި ގޮތުގައި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ.އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިން ގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.
އަދި ޑރ.އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުންވެސް މި މައްސަލައިގައި، ޑރ. އަލީ އަބްދުﷲ ލަތީފު އަދި ޑރ.މިލްޒާ އަބްދުލްމުހުސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުމަށްވެސް ހުށަހަޅާފައި ވެއެވެ.