ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަޑައިގެންނެވީ އާއިލާގެ ބޭފުޅުން ކައިރިއަށް ޗީބޯއަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ޗީޕް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ނަހުލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު ސިއްރު ބައްދަލުވުމެއް ހަވީރު ބާއްވާފައިވާ ކަމަށް ބުނެ ފޮޓޯތަކެއް ދައުރުވެފައި ވަނިކޮށެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ނަހުލާ ފެންނަނީ ބޮޑުތަކުރުފާނުގައި ހުރި ޗީބޯ ހިސާބުގައި އޮތް ކާރަކަށް އަރާ މަންޒަރެވެ. ޗީބޯ ކައިރީގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ވެސް އެ ފޮޓޯއިން ފެންނަން ހުއްޓެވެ.

އެކަމާ ގުޅިގެން އަލީ ސޯލިހު ވިދާޅުވީ ނަހުލާއާ ހުޅުމާލޭގައި އިންނަ މިނިސްޓްރީގެ އޮފީހުން ގެއަށް ވަޑައިގެން މަގުމަތީ އާއިލާ ބޭފުޅުން ކޮޅެއް ޗީބޯގަ ތިއްބެވުމުން އެތަނަށް ވަޑައިގެން މަންޒަރު ތަސްވީރުކޮށް އޭގެން ދޮގު ފެތުރުން ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.

އެ ވާހަކަތައް ފެތުރިފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތްތަކެއް ލިބިފައިވަނިކޮށެވެ.