އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާއިރު ހަދަމުންދާ ތިއަރީ ޓެސްޓު، ޕޮލިޓެކްނިކް އިންވެސް ހެދޭނެ އިންތިޒާމް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ގްރޭޓާ މާލެއިން ހިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ހިޔާރު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ތަމްރީން ހިންގުން މޯލްޑިވްސް ޕޮލިޓެކްނިކްގެ އެހީގައި ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުން ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރި އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލު ކުރުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ޕްރެކްޓިކަލް އިމްތިހާނު ހަދަންވެސް ދާން ޖެހެނީ ހުޅުމާލެއަށެވެ.