ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއުލާން ކުރައްވައިފިއެވެ.

މަޖިލީހަށް ވާދަކުރައްވާނެކަން ނަހުލާ އިއުލާނު ކުރެއްވީ "އެކްސް" ގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ނަހުލާ ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން ތާއީދުކޮށް ވޯޓް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕިއުޓީ ލީޑަރުކަންވެސް ކުރައްވަމުން ގެންދާ ނަހުލާ ވިދާޅުވިއެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު އަޅުގަނޑު ޢައިޝަތު ނަހުލާ(ޢައިޝާ)ކުރިމަތިލުމަށް ނިންމައިފީމެވެ." ނަހުލާގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން ޖޭޕީގައި ހުރުމަށްފަހު ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުރިމަތިލައްވާނެ ކަން އިއުލާން ކޮށް ކެމްޕެއިން ފައްޓަވާފައެވެ.

މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވީ އެ ސިޓީއަށް ހައްގު އިންގިލާބީ ބަދަލު ހޯދައި އަދި ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުއްމައްޗަކަށް އަމާޒު ހިފައިގެން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އޭނާ ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައި ވަނީ ނިމިދިޔަ ސަރުކާރުންނެވެ. ނަމަވެސް އެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތަކެއް އަމާޒުވުމުން އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އެ ތުހުމަތާ ގުޅިގެން ދައުވާތަކެއް އުފުލި ނަމަވެސް އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. އަލީ ވަހީދު ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާއިރު މި ހަފްތާގެ ތެރޭގައި ތާރީހެއް ކަނޑައަޅާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.