މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިންތިހާބުގައި ވޯޓު ލައްވާފައި ނުވާކަން ހާމަވެއްޖެއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ޖޭޕީގެ ނައިބު ލީޑަރު އަދި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ނަހުލާ ވޯޓު ލުމަށް ރަޖިސްޓްރީ ކުރައްވާފައި ވަނީ ހއ. އަތޮޅު ވޯޓު ފޮއްޓަށެވެ. އެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ގައުމީ ޔުނިވާސިޓީގައި ނަމަވެސް ވޯޓުލައްވަން ނަހުލާ ވަޑައިގެންފައެއް ނުވެއެވެ. ނަހުލާ އަކީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ ބޭފުޅެކެވެ.
ކެމްޕެއިން ހަރަކާތްތަކުގެ އިސް ސަފުން ނަހުލާ ފެނިގެންގޮސްފައި ވާއިރު ކެންޑިޑެންސީ ފޯމު ހުށަހެޅުއްވުމަށް ގާސިމް ވަޑައިގަތް އިރުވެސް އޭނާގެ އަރިހުގައި ނަހުލާ ހުންނެވިއެވެ. އަދި ހަމައެހެންމެ ކެމްޕެއިންގެ ބައެއް ހަރަކާތްތައް ރޭވުމުގައި ވެސް ނަހުލާ ބައިވެރިވެވަޑައިގެންފައި ވެއެވެ.
ނިމިގެންދިޔަ މި އިންތިހާބުގައި ގާސިމް އަށް ލިބިވަޑައިގެންފައި ވަނީ އެންމެ 5،460 ވޯޓެވެ. 22،000 އަށްވުރެ މެންބަރުން ތިބި ޖޭޕީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމް އަށް 48،131 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ސިޔާސީ މައިދާނުގައި ގާސިމް އަކީ "ކިންގް މޭކާ" އެވެ. ނަމަވެސް މިފަަހަރުގެ ނަތީޖާއަށް ބަލާ ޖޭޕީގައި ތިބި މެންބަރުންގެ ސައްހަ ކަމާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އިންތިހާބުގެ ނަތީޖާ އަށް ފަހު މިހާތަނަށް ޖުމްހޫރީ ޕާޓީއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޝްވަރާތައް ފަށާނެ ކަމަށް ބެލެވޭއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހު 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިޔަ ދެބޭފުޅުން ވޯޓު ނުލެއްވީމަ ވަރަށް ދެރަ . ޢަދިވެސް ސައިޒު އޮޅިވަޑައިގެން ދޯ
ގާސިމުގެ ފޮށާބޭލިއްޖެ.