ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީގެ) ފަރާތުން 10 ދާއިރާއަަކަށް ކުރިމަތިލާ ކަން އިއުލާން ކޮށްފިއެވެ.
އެ ޕާޓީން ކުރި ޕޯސްޓެއްގައި މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ދާއިރާތަކާއި އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ވަނީ އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 2 އަންހެނުންނާއި 8 ފިރިހެނުންނެވެ.
އެގޮތުން އަންނަ މަޖިލިސް އިންތިހާބަށް ވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލައްވާ އިރު، އޭނާ ކުރިމަތިލައްވަނީ މާމިގިލި ދާއިރާއިންނެވެ. އަދި ގާސިމްގެ އަނބިކަނބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ކުރިމަތިލައްވައެވެ.
މީގެ ކުރިން ނަހުލާ ސިޔާސީ މަގާމެއް ފުރުއްވާފައި ވަނީ މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމެވެ. އެހެންކމުން މިއީ މަޖިލިސްއަށް ނަހުލާ ކުރިމަތިލައްވާ ފުރަތަމަ ފަހަރެވެ.
ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން:
- ގާސިމް އިބްރާހިމް: މާމިގިލި ދާއިރާ
- އާއިޝަތު ނަހުލާ: ހުޅުމާލެ ދެކުނު ދާއިރާ
- ޑރ. އަމީން އިބްރާހިމް: ހެންވޭރު ހުޅަނގު، މާލެ
- އަލީ ހުސައިން: ކެންދޫ ދާއިރާ
- އަޒްލީން އަހްމަދު: ދުވާފަރު ދާއިރާ
- ނިޝާމާ މުހައްމަދު: ދާންދޫ ދާއިރާ
- އަބްދުﷲ އަމީން: އުނގޫފާރު ދާއިރާ
- އަބްދުﷲ އަހްމަދު: ތިނަދޫ އުތުރު ދާއިރާ
- ހުސައިން ޝަހުދީ: ނޮޅިވަރަމް ދާއިރާ
- މުހައްމަދު ނާސިރު: އޭދަފުށި ދާއިރާ
ޖުމްހޫރީ ޕާޓީން 10 ދާއިރާއަކަށް ކުރިމަތިލާއިރު، ދަ ޑިމޮކްރެޓްސް އިން ވަނީ މަޖިލީހުގެ 41 ދާއިރާއަަކށް ކުރިމަތިލާކަން އިއުލާން ކޮށްފައެވެ. ޕީއެންސީން ވަނީ 69 ދާއިރާއަކަށް ކުރިމަތިލާން ނިންމާފައެވެ.
އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައި ވަނީ، މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، ޖުމްލަ 381 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.