1953 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވާ އަޑުއެހުންތައް ފަށައިފިއެވެ.

ފެބްރުއަރީ 26، 2023 އިން ފެށިގެން މާޗް 4، 2023 ގެ ނިޔަލަށް ކުރިއަށް ގެންދާ މި އަޑުއެހުންތަކުގައި ބެލުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކުގެ އިތުރުން އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ.

ކޮންމެ ދުވަހެއްގައި ވެސް ދެ ދަންފަޅި އަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަޑުއެހުންތަކުގެ ތެރެއިން އިއްޔެ ޖުމްލަ ދެ ހެކިންގެ ބަޔާން ނަގާފައި ވެއެވެ. ބަޔާން ނެގުމުގައި އިސްކަން ދޭނީ، ހައްޔަރުކުރުމާއި ބަންދުކުރުމުގެ އެކި މަރުހަލާތަކުގައި ކަން ހިނގި ގޮތުގެ އިތުރުން، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލި، އަނިޔާ ލިބިފައިވާ މިންވަރުގެ މައްޗަށް ކަމަށް އެ އޮފީހުން ބުނެއެވެ.

އިންތިގާލީ އޮފީހުން ބޭއްވި ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ހާއްސަ ރަސްމިއްޔާތުގައި ބަޔާން ނަގަނީ

ހާއްސަ ރަސްމިއްޔަތަކާއެކު އަޑުއެހުންތައް ފެށިގެން ދިޔައިރު ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އަރީފް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައި ވެއެވެ. ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވުމުން އަބްދުއްސަލާމް ވިދާޅުވީ މި އަޑުއެހުންތަކުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ އިތުރުން މިފަދަ ހާދިސާތައް ތަޖުރިބާކޮށްފައިވާ އެހެން މީހުންނަށް ވެސް އަޑުއެހުންތަކުގައި ބައިވެރިވެ މައުލޫމާތު އެއްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި އަޑުއެހުންތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ވާހަކަތައް ހިއްސާކުރުމާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމެވެ.

މީގެއިތުރުން ވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ހިނގާފައިވާ މިފަދަ އަމަލުތަކުގެ ހަގީގަތް ހާމަވެގެންދާނެ ކަމަށާއި، މި އަޑު އެހުންތަކުގެ ސަބަބުން އިންސާނީ ހައްގުތަކާ ހިލާފުވާ ކަަންކަން އާންމުންނާ ހިއްސާ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ކަހަލަ ކަން ކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަޑުއެހުންތަކުގެ ތެރެއިން ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް ފެބުރުވަރީ 26 އިން މާޗު 3 ގެ ނިޔަލަށް ކުރިއަށް ދެއެވެ. މި މައްސަލާގެ އަޑުއެހުންތައް މާފުށީ ޖަލާއި މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލުގައި ކުރިއަށް ދާނެއެވެ. މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާން ދިނުމަށް 37 ފަރާތަކުން ނަން ނޯޓުކޮށްފައި ވާއިރު މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާން ދިނުމަށް 11 ފަރާތަކުން އަދި އައްސޭރި ޖަލުގައި ބަޔާންދިނުމަށް ދެ ފަރާތަކުން ވަނީ ނަން ނޯޓުކޮށްފައެވެ.