ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވާ ހެން ފަސް ބޭފުޅަކު އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް އިންތިހާބު ކޮށްފިއެވެ.
އެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އިރު، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ތިއްބެވި ސަރުކާރުގެ މިހާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންގެ އިތުރުން، ކުރީގެ ބައެއް ވަޒީރުން، އަދި އެ ޕާޓީގެ ބައެއް މަގާމްތައް ފުރުއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވެވަޑައިގަތް ހަމައެކަނި ބޭފުޅަކީ ނަހުލާއެވެ. އެއާއެކު ނަހުލާ ވެވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީގެ ތާރީހުގައި ނައިބު ލީޑަރު ކަމަށް އިންތިހާބުވެވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ނަހުލާގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންނަށް ދެން ހޮވިވަޑައިގަތީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހުގެ އިތުރުން، ގާސިމްގެ ޕާސަނަލް ސެކްރެޓަރީ އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަހްމަދު ސައުދެވެ.
ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވި މަންދޫބުންގެ ތެރެއިން 680 މަންދޫބަކު ވޯޓުގައި ބައިވެރިވެފައިވެއެވެ. އިއްޔެ މެންދުރުފަހު ވޯޓުލުން ފަށައި ނިންމާލާފައި ވަނީ ހަވީރު 5 ޖަހާކަން ހާއިރެވެ. އޭގެ ފަހުން ވޯޓު ގުނަން ފަށައި، ނިންމާލެވުނީ މިއަދު ހެނދުނު 6 ޖެހި ފަހުންނެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ:
- ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: 558 ވޯޓު
- ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް: 327 ވޯޓު
- ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު: 277 ވޯޓު
- ގާސިމްގެ ޕާސަނަލް ސެކްރެޓަރީ އިގްބާލް އާދަމް: 263 ވޯޓު
- ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަހްމަދު ސައުދު: 275 ވޯޓު
- ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު: 258 ވޯޓު
- ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ: 255 ވޯޓު
- އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު: 198 ވޯޓު
- ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން: 147 ވޯޓު
- އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ): 143 ވޯޓު
- ޔަޝްފާ އަބްދުލްޣަނީ: 138 ވޯޓު
- ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް: 102 ވޯޓު
ޖުމްހޫރީ ޕާޓީގެ އެހެނިހެން މަގާމުތަކަށް ބަލާލާއިރު، އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން، ހަތަރު މަގާމަކަށް ބޭފުޅުން ވަނީ އިންތިހާބެއް ނެތި ހޮވިފައެވެ. އެގޮތުން، ޕާޓީގެ ލީޑަރު ކަމަށް ގާސިމް، ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު، ޒުވާނުންގެ ލީގުގެ ނައިބު ކަމަށް ޝުއައިބް ޝިފާޒް ޝަރީފް، އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް އައިޝަތު ޝޫޒާ އަހްމަދު ވަނީ ހޮވިފައެވެ.
އޭގެ އިތުރުން، ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ރޭ ބަހުސްކުރެވި، އެ ގަރާރު ވަނީ ކޮންފަރެންސްގައި ބައިވެރިވި މަންދޫބުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.