ޖުމްހޫރީ ޕާތީގެ ހަތަރު ވަނަ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހޮވާ ބޭފުޅުން އައްޔަން ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ގާސިމް އިބްރާހީމް އެކަނި ކަމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން، ލީޑަރުގެ މަގާމަށް ގާސިމް ވަނީ އިންތިހާބުވެ ވަޑައިގެންފައެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި އަންހެނުންގެ ލީގުގެ ރައީސާއި ނައިބު ރައީސާއި، ޒުވާނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް މެންބަރުން ހޮވުމަށް ވޯޓު ލުމުގެ މަސައްކަތެވެ.

12 މެންބަރަކު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލާފައި ވާއިރު، އަންހެނުންގެ ލީގުގެ ރައީސް ކަމަށް ފަސް މެންބަރުން، ނައިބު ރައީސްގެ ކަމަށް ހަތަރު މެންބަރުން، އަދި ޒުވާނުންގެ ލީގުގެ ސެކްރެޓަރީ މަގާމަށް ދެ މެންބަރުން ކުރިމަތިލާފައި ވެއެވެ. މީގެ އިތުރުން ގައުމީ ކޮންފަރެންސުން އިންތިހާބު ކުރާ 25 މެންބަރުންގެ މަގާމަށް ވަނީ 64 މެންބަރެއް ކުރިމަތިލާފައެވެ.

އިއްޔެ އިން ފެށިގެން ދަރުބާރުގޭގައި ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ރޭގެ ދަންފަޅީގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވީ ނަމަވެސް ވޯޓާ ގުޅޭ މައްސަލަތައް ބޮޑުވެ ވޯޓުލުން ވަނީ މިއަދު ހެންދުނަށް ފަސްކޮށްފައެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމާ ގުޅިގެން ކޮންފަރެންސްގެ ބައެއް ބައިވެރިން ޝަކުވާ ކޮށްފައިވާ އިރު، ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ކުރީގެ ޕީޕީއެމްގެ މެންބަރުންނާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އެކަނި ކުރިމަތިލައްވާފައިވާ އިރު، އެހެން ބައެއް މަގާމުތަކަށް ވެސް އެންމެ މެންބަރަކު ކުރިމަތިލާފައި ވެއެވެ. އެގޮތުން ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ކުރިމަތިލެއްވި އިރު، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ މެންބަރެކެވެ.