ރައްޔިތުން މަޖިލީހުގެ ރައީސް އަބްރުއްރަހީމް އަބްދުﷲ (އަދުރޭ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީހުގައި ގާސިމް ތަމްސީލު ކުރައްވާ ދާއިރާގެ ރަށެއް އަދި އޭނާގެ އަމިއްލަ އުފަން ރަށް ކަމަށްވާ އދ. މާމިގިލީގައެވެ.
އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިއުއްވާފައެވެ. އަދި މަރަހުބާ ކިއުއްވުމަށް މާމިގިލީ އެއަޕޯޓްގެ ވެރިންނާ ޖޭޕީގެ މަމިގިލީ މެމްބަރުން ވަނީ ބައިވެރި ވެވަޑައިގެންފައެވެ.
ދެ ދެބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ލިބިފައި ނުވާއިރު މީގެ ކުރިންވެސް ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވާފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އޭރު ބައްދަލު ކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ގޫޅޭ އެއްވެސް ތަފްސީލެއް ދެ ފަރާތުންވެސް ހާމަކޮށްފައި ނުވެއެވެ.
އަދި ހަމައެހެނެމް ދާދިފަހުން ޑިމޮކްރަޓްސްއިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިން މަޝްވަރާތައް ކުރައްވާފައެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް އިއުލާނުކުރައްވާފައި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށެވެ. އަދި އެ މަސައްކަތުގައި ޑިމޮކްރެޓްސްއިން ވީހާ ވެސް ބޮޑަށް ބައިވެރިވާން ބޭނުންވާ ކަމަށް ރައީސަށް ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން، ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.