މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ގާއިމް ކުރުމަކީ ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަން ފާހަގަ ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ މާލީ ފްރީ ޒޯނެއްގެ ގޮތުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްއައިއެފްސީ ގާއިމް ކުރުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސޯދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ކަމަށެވެ. ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދިނުމަށް އެމްއައިއެފްސި ބޭނުންތެރިކަން މުހިންމު ކަމަށް ގާސިމް ވިދާޅުވިއެވެ.
ހަމައެއާއެކު މިއީ ރާއްޖެއަށް މާލީ އަދި އިގްތިސޯދީ ދާއިރާއިން ވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ. އަދި މި ކަމުގައި ހުރިހާ ސިޔާސީ ލީޑަރުން ވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ މަގްސަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރު ކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް މިމަޝްރޫއުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.
އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. މީގެ ސަބަބުން މިހާރު ވެސް ކުރިއަރާފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މަރުކަޒު ގާއިމްކޮށް ނިމޭއިރު ހިމެނޭ ތަންތަނުގެ ތެރޭގައި ބައިނަލްއަގްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް ހުންނާނެއެވެ. އަދި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަގްވާމީ ސްކޫލެއް ހިމެނޭހެން ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެއް މި ސަރަހައްދުގައި ގާއިމް ކުރެވޭނެއެވެ.