ދާންދޫ ދާއިރާއަށް ކުރިމަތިލި ޖޭޕީ ކެންޑިޑޭޓް، ނިޝާމާ މުހައްމަދު އެ ޕާޓީގެ ޓިކެޓު ދޫކޮށް ޕީއެންސީ ކެންޑިޑޭޓް، ފަޒީލް އަށް ތާއީދު ކުރަން ނިންމައިފިއެވެ.

ނިޝާމާ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އޭނާ މިފަދައިން ނިންމާފައި ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކާއި ހަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ވަގުތާއި ފަންޑުވެސް ނެތުމުން އިންތިހާބު ކާމިޔާބުވާނެ ކަމުގެ އުންމީދު ނެތުމާއެކު އޭނާގެ ތާއީދު ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށް ދޭން ބޭނުންވުމުން ކަމަށެވެ.

އިންތިހާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި، އިހްތިރާމާއި، އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ޕީއެންސީގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ޓިކެޓު ޕްރައިމަރީން ކާމިޔާބުކުރެއްވި މުހައްމަދު އަބްދުލްގާދިރު (ކޫކު)ވެސް ވަނީ، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޒަމީރަށް ތާއީދުކުރުމަށް ނިންމާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޒަމީރަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

ރޭ ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ކުކޫ ބުނީ އެ ނިންމުން ނިންމީ ރައީސްގެ ނިންމެވުމާއެކު ކަމަށާއި ރައީސްގެ އެ ނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެއްކަމަށެވެ.

ކޫކު ޒަމީރަށް ތާއީދު ކުރެއްވުމަށް ނިންމުމާއިއެކު އެކަމަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ ޒަމީރަށް ތާއީދުކުރުމަކީ ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށާއި އެއީ މައްޗަންގޯޅި މެދު ދާއިރާގެ މަޖިލިސް ގޮނޑި ޕީއެންސީއަށް ކާމިޔާބުވުމުގެ ފުރުސަތު އެންމެ ބޮޑު ގޮތްކަމަށްވެސް ވިދާޅުވެފައެވެ.

ޒަމީރަކީ މާލޭ ސިޓީ ކައުންސިލުގެ މައްޗަށްގޮޅި މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެއްވެސް މެއެވެ. ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ދެ ބޭފުޅުން ވަރަށް ގާތުން މަސައްކަތްކުރެއްވިއެވެ.