2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުގެ ދެމެދުގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓްރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެފަައި ވަނިކޮށެވެ.

ފައްޔާޒު އިއްޔެ ވިދާޅުވީ ރައީސް ނަޝީދާ ޗެއާޕާސަނެއްގެ ހައިސއިްޔަތުން އަބަދުވެސް ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި ރިޔާސީ އިންތިހާބަށް ގާތްވަމުންދާ ވަރަކަށް ބަދަހިސަފުތަކެއް އޮންނާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެކަން ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާފައި ވާއިރު ރައީސް ސޯލިހު ކާމިޔާބުވެ ވަޑައިގެންނެވީ މަކަރާއި އޮޅުވާލުންތަކެއް ހައްދަވައިގެން ކަމަށް ރައީސް ނަޝީދާއި ޓީމުން ތުހުމަތުކުރައްވައެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި އިތުރު ގޮއްޕެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.