ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް މިހާރު ވެސް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީން ދާދި ދެންމެއަކު ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުން ދާދި ދެންމެއަކު ނިންމާލައި ނެރުނު ގަރާރެއްގައި އަދާލަތު ޕާޓީން ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އެ ޕާޓީން ނިންމީ، ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު ތަޖުރިބާ އަށް ބެލުމަށް ފަހު ކަމަށެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާ އެކު ކުރި މަޝްވަރާތަކުގައި އަދާލަތު ޕާޓީން ވަނީ ހަތަރު ކަމެއް ހުށަހަޅާފައެވެ. އެ ކަންކަމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އެ ގަރާރުގައިވާ ގޮތުން އަދާލަތު ޕާޓީން އެމްޑީޕީ އަށް ހުށަހެޅި ކަންކަމަކީ:

  • - އިސްލާމްދީންގެ އަގީދާ ދަމަހައްޓައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް
  • - ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް، އާންމުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް
  • - މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކަށާއި އާއިލާގެ ދުޅަހެޔޮކަމަށާއި ލާމަރުކަޒީ އުސޫލުތަކަށާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށް
  • - މެނިފެސްޓޯ އެކުލަވާލާއިރު އަދާލަތު ޕާޓީގެ ފުރިހަމަ ބައިވެރިވުން ހޯދުމަށް

އަދާލަތު ޕާޓީން ބުނީ، މިވަގުތު މަސްލަހަތު އޮތް ގޮތަކީ، އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ރަނގަޅަށް މަސައްކަތްކުރެވެން އޮތީ ވެސް ރައީސް ދެވަނަ ދައުރަކަށް އިންތިހާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ، ރައީސަށް ތާއީދުކުރުމަށް ނިންމީ ކަމަށެވެ.

ރައީސަށް ތާއީދުކުރުމަށް ނިންމުމުން، މިހާރު މި އޮތް ކޯލިޝަންގައި އަދާލަތު ޕާޓީން ދެމި އޮންނާނެއެވެ. ސަރުކާރު ކޯލިޝަންގައި މިހާރު ތިބި އެހެން ޕާޓީތަށް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވެސް ކޯލިޝަން ހެދުމަށް އެމްޑީޕީން ވަނީ ސިޓީ އެއް ފޮނުވާފައެވެ.

އެކަމާ ގުޅިގެން އެމްއާރުއެމުން ބުނީ، މައުމޫން މިވަގުތު ހުންނެވީ ބޭރުގައި ކަމުން އެމަނިކުފާނު މާލެ ވަޑައިގަތުމުން އެމްޑީޕީ އާ އެކު ކޯލިޝަނެއްގައި ކުރިއަށް ދިއުމާ މެދު މަޝްވަރާކުރާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާ އެކު ވެސް މަޝްވަރާކުރަމުން ދާއިރު އެ ޕާޓީން މީގެ ކުރިން ބުނީ، ކޯލިޝަނާ އެކު، ނުވަތަ އެ ޕާޓީގެ ލީޑަރު ގާސިމް އިންތިހާބުގައި އެކަނި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމާނީ މި ހަފްތާ ބަންދުގައި ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ކަމަށެވެ.