ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ރަސްމީކޮށް އެއްބަސްވެ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުހައްމަދު ޝިފާން އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު އިއްތިހާދުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ދާދިފަހުން ނިންމާފައި ވަނިކޮށެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޕީއެންސީއާއެކު ސިޔާސީ ޕާޓީއަކުން މިފަދަ ރަސްމީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

އަދާލަތު ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ރައީސްކަން ކުރެއްވި ޝައިހް އިމްރާން އަބްދުﷲ އަށް ފަހު، އެ ޕާޓީގެ ލީޑަޝިޕަށް ދާދިފަހުން ބޮޑެތި ބަދަލުތަކެއް އައިސް، މިހާރު ރައީސްކަމާ ހަވާލުވެ ހުންނެވީ މުހައްމަދު ޝިފާން އެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޯލިޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކޮށް، 2023 ގެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. އަދި އޭރު ހޯމް މިނިސްޓަރުކަން ކުރެއްވީ ވެސް ޝައިހް އިމްރާން އަބްދުﷲ އެވެ.

ނަމަވެސް ވެރިކަން ބަދަލުވެ، އިދިކޮޅުގައި އޮތުމަށްފަހު، އަދާލަތު ޕާޓީން މިހާރު މިވަނީ ރަސްމީކޮށް ސަރުކާރާ ގުޅިފައެވެ.