މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާއެކު އިއްތިހާދުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރަސްމީކޮށް ނިންމައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ބާކީ އޮތް މުއްދަތާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމަށް ޕީއެންސީގެ ފަރާތުން އެ ޕާޓީއަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މި ދައުވަތު ގަބޫލުކޮށް ނިންމި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަދާލަތު ޕާޓީ އުފެދުނު މައިގަނޑު މަގުސަދަކީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތުގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް، އިސްލާމީ އުސޫލުތަކުގެ މަތިން ގައުމު ކުރިއެރުވުމެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި ޕީއެންސީއާއެކު ކޯލިޝަން ހަދަން ނިންމީ ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމުގެ އިތުރުން ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް، ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކޭތީ ކަމަށެވެ.

ޕީއެންސީންވނަި މިދިޔަ ސެޕްޓެންބަރު މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް ރިޔާސީ ޓިކެޓު އަރުވާފައެވެ. މިހާތަނަށް ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައިވަނީ ވެސް ޕީއެންސީން އެކަންޏެވެ.