މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ އަދާލަތު ޕާޓީ އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފައި ވަނީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު 2026 އޮކްޓޫބަރު 5 ގައި އެ ކޮމިޝަނަށް ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވާތީއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ.
ނަމަވެސް އެ ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އެއާއެކު އިލެކްޝަން ކޮމިޝަނުން އެ ޕާޓީ ވަނީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
