ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ޕާޓީގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގު ކުރުމަށް އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، 'ފެންނަކަމަށް' ވޯޓު ދިނުމަށް ތާއީދުކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
އަދި މިފަދައިން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އަދާލަތު ޕާޓީން މިފަދައިން ނިންމާފައިވާއިރު ދެ އިންތިހާބު އެއްކޮށްލުމާ މެދު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ތާއީދު ކޮށްފައެވެ. މީދޫ ދާއިރާގެ މެންބަރު ސިޔާމް ރައީސްކަން ކުރައްވާ އެމްޑީއޭއިން މިދިޔަ ހަފްތާ ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަ މަސަލަސްކަމުގެ އިތުރުން ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ.
އަދި ހަމަ އެހެންމެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ އެ ކަމަށް ތާއިދު ކުރައްވާފައެވެ. އެގޮތުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ. އެ ޕާޓީން އެކަމާ ދެކޮޅު ހަދާ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބަސް އިއްވަން ލިބޭ ދެ ފުރުސަތު ހަނިކޮށްލާ ކަމަށް ބުނެއެވެ. އަދި މިއީ ނިޒާމީ ގޮތުން ވަރަށް ބޮޑަށް އޮޅުވާލުމަށް ހިންގާ އަމަލެއް ކަަމަށް ވެސް އެމްޑީޕީ މެންބަރުން ދަނީ ސިފަ ކުރަމުންނެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނަމަ، ރައްޔިތުން އެކަމަށް ހޭލުންތެރިވެ، ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ވެސް އެންމެ ކުޑަމިނުން ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.
ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވަންވާނީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.
